މި މަހު 31 ވަނަ ދުވަހު އެމްޑީޕީން ބޭއްވުމަށް ހަމަޖެހިފައިވާ މަގުމަތީ ހަރަކާތަކީ، ސުލްހަވެރި ހަރަކާތެއް ކަމަށާއި ވީހާ ވެސް ގިނަ ބަޔަކު އޭގައި ބައިވެރިވާން އެ ޕާޓީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން މިއަދުވި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނަ ވިދާޅުވީ، މި މަހުގެ 31 ގެ ނިޔަލަށް އެ ޕާޓީން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ.
"އަޅުގަނޑުމެން އެއްތިރީސް ވަނަ ދުވަހު ބާއްވާ ހިނގާލުމަކީ ސުލްހަވެރި ހިނގާލުމެއް. އެމްޑީޕީ އަކީ އިންތިޒާމްކޮށް ރޭވިގެން ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމަށް ފަރިތަ ޕާޓީއެއް،" އަނަސް ވިދާޅުވި އެވެ. "މި ޕާޓީ އަކީ ގާނޫނުއަސާސީ ވުޖޫދަށް އައުމުގެ ކުރިންނާއި ފަހުންވެސް ވުޖޫދުގައި އޮތް، މިހާތަނަށް ދެމިއޮތް ހަމައެކަނި ޕާޓީ."
އޭނަ ވިދާޅުވީ 31 ވަނަ ދުވަހު "ފުދިއްޖެ، ފުނޑިއްޖެ" ގެ ނަމުގައި ބާއްވާ ހަރަކާތް ވަރުގަދަ ކުރުމަށްޓަކައި އެޕާޓީއާ ބައިވެރިވާނެ އެހެން ފަރާތްތަކާއި ވާހަކަދެކެވި އެ ފަރާތްތަކަށް ވެސް ދައުވަތު އަރުވާފައި ވާނެ ކަމަށެވެ. އެގޮތުން، އެކި ޕާޓީ ތަކާ ވާހަކަދެކެވެމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
އެމްޑީޕީން ބުނެފައިވާ ގޮތުގައި އެ ޕާޓީން ސަރުކާރާ ދެކޮޅަށް މަގުމަތީގެ ހަރަކާތްތައް ބާއްވަން ނިކުންނަނީ ރައީސް ޑރ މުއިއްޒުގެ ސަރުކާރެއް އެންމެ އަހަރެއްވީ އިރު "ގާނޫނު އަސާސީގެ ދިފާއުގައި" ނިކުންނަން ވެއްޖެކަމަށް ގަބޫލުކުރެވޭތީ އެވެ.