Last Updated: July 25, 18:05
Saturday, July 25, 2026
ޚަބަރު

ފިއްޓޭ ޕީއެންސީއަށް ވެއްދީ އެމްޑީޕީގެ ރޭވުމަކުން

މެންބަރު އިބްރާހިމް ޝުޖާއު- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ޒިޔާދު (ފިއްޓެ) އަށް ނޭނގި އޭނާ ވެރިކަން ކުރާ ޕީއެންސީއަށް ވެއްދުމުގެ އަޑީގައި އޮތީ އެމްޑީޕީގެ ލީޑަޝިޕް ކަމަށް ބާރަށު ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ފިއްޓެ ޕީއެންސީއަށް ވެއްދި ފޯމަކީ ސައްހަ ނޫން ފޯމެއްކަން ކަށަވަރުވީ ހިސާބުން އޭނާ އަލުން އެމްޑީޕީއަށް މިހާރު ވައްދާފައިވާ ކަމަށެވެ. އަދި މިކަމުގައި ޒިންމާވާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށްވެސް އީސީން ބުނެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝުޖާއު ވިދާޅުވީ ފިއްޓޭ ޕީއެންސީ އަށް ވެއްދީ ރޭވުމަކުން އެމްޑީޕީން ކަމަށާއި މިކަން ކުރީ ޤާނޫނު އަސާސީ އަށް ގެނެވުނު އިސްލާހަށް ރައްޔިތުންގެ މެދުގައި ސުވާލު އުފައްދައި ފިތުނަ އުފެއްދުމުގެ ބޭނުމުގައި ކަމަށެވެ.

"މިކަމުގެ އަޑީގައި ތިބީ އެމްޑީޕީގެ ލީޑާޝިޕް. މިކަން ކުރުމަށް އެމްޑީޕީއަށް ވާގިވެރިވީ ޕީއެންއެފް ކިޔާ މެމްބަރުން ހަމަނުވާ ޕާޓީއެއް،" ޝުޖާއު ވިދާޅުވި އެވެ.

މީގެ ކުރިން ވެސް ފިއްޓެއަށް ނޭނގި އޭނާގެ ޕާޓީ ބަދަލުކުރި މައްސަލައެއް ފެންމަތިވި އެވެ. އެ ފަހަރު އޭނާގެ ނަން އޮތީ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގަ އެވެ.

އޮޅުވާލައިގެން އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންތަކެއް ޕީއެންސީ އަށް ވައްދާފައިވާ މައްސަލައާ ގުޅިގެން އެ ޕާޓީން ދާދިފަހުން ވަނީ އީސީއާ ބައްދަލުކޮށް ކަންބޮޑުވުންތައް ހިއްސާކޮށްފަ އެވެ.