އޮޅުވާލައިގެން ކުރީގެ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފްގެ ބައްޕަ އާއި ކޮއްކޮއެއް ވެސް ޕީއެންސީއަށް ވައްދައިފި އެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި މަހުލޫފް ވިދާޅުވީ އޭނާ ބައްޕަ އަދި ކޮއްކޮއެއް ވެސް އޮޅުވާލައިގެން ޕީއެންސީ އަށް ވައްދާފައިވާ ކަމަށާއި މިއީ ވަރަށް ޒިންމާދާރު ކުޑަކޮށް ބަޔަކު ހިންގާފައިވާ އަމަލެއް ކަމަށެވެ.
ޕީއެންސީން މެންބަރުން އިތުރުކުރަނީ ވަރަށް އާދަޔާ ހިލާފު ގޮތަކަށް ކަމަށާއި ކޮންމެ ރައްޔިތަކުވެސް އަމިއްލައަށް ރެޖިސްޓާ ކޮށްފައިވާ ޕާޓީ ޗެކްކޮށްލުން މުހިއްމު ކަމަށް މަހުލޫފް ވިދާޅުވި އެވެ.
މަހުލޫފް މިހެން ވިދާޅުވި އިރު، ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ޒިޔާދު (ފިއްޓެ) އަށް ނޭނގި އޭނާ ވެސް ޕީއެންސީ އަށް ވައްދާފައިވާ މައްސަލައެއް މިއަދު ވަނީ ފެންމަތިވެފަ އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ފިއްޓެ ޕީއެންސީއަށް ވެއްދި ފޯމަކީ ސައްހަ ނޫން ފޯމެއްކަން ކަށަވަރުވީ ހިސާބުން އޭނާ އަލުން އެމްޑީޕީއަށް މިހާރު ވައްދާފައިވާ ކަމަށެވެ. އަދި މިކަމުގައި ޒިންމާވާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށްވެސް އީސީން ބުނެ އެވެ.
އޮޅުވާލައިގެން އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންތަކެއް ޕީއެންސީ އަށް ވައްދާފައިވާ މައްސަލައާ ގުޅިގެން އެ ޕާޓީން ދާދިފަހުން ވަނީ އީސީއާ ބައްދަލުކޮށް ކަންބޮޑުވުންތައް ހިއްސާކޮށްފަ އެވެ.