ދަ ޑިމޮކްރެޓްސްގެ ވަގުތީ ރައީސަކަށް މަޑަވެލި ދާއިރާގެ ކުރީގެ މެމްބަރު ހުސެއިން ފިރުޝާން މިރޭ އިންތިހާބުކޮށްފި އެވެ.
އެ ޕާޓީގެ ރައީސްގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި ހެންވޭރު ހުޅަނގު ދާއިރާގެ ކުރީގެ މެމްބަރު ހަސަން ލަތީފު އިއްޔެ އިސްތިއުފާ ދެއްވައި، އެމްޑީޕީއާ ގުޅިވަޑައިގަތުމުންނެވެ.
ވަގުތީ ގޮތުން ޕާޓީގެ ރައީސްގެ މަސްއޫލިއްޔަތު އަދާކުރާނެ ބޭފުޅަކު ކަނޑައެޅުމަށް، ޑިމޮކްރެޓްސްގެ ގައުމީ މަޖިލީހުން ނެގި ސިއްރު ވޯޓު ފިރުޝާން ކާމިޔާބު ކުރައްވާފައިވަނީ 29 ވޯޓުންނެވެ. ފިރުޝާންއާ ވާދަކުރެއްވި އާއިޝަތު އަލައިކާ އަދުނާނަށް ލިބުނީ 14 ވޯޓެވެ.
ހަސަންގެ އިތުރުން ޑިމޮކްރެޓްސްގެ ނައިބު ރައީސް މުހައްމަދު ޝިފާޒު އާއި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެން އަމްރުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލީ އާޒިމް ވެސް ވަނީ އަލުން އެމްޑީޕީއާ ގުޅިފަ އެވެ.