ބޮލީވުޑްގެ އެންމެ ކާމިޔާބު ފްރެންޗައިޒްތަކުގެ ތެރޭގައި ހިމެނޭ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ "ދޫމް" ގެ ހަތަރު ވަނަ ބައިގެ ޝޫޓިން ރަންބީރް ކަޕޫރާ އެކު އަންނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ފަށާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އިންޑިއާ ޓުޑޭ އިން ވަރަށް ދުރާލައި ފިލްމުގެ ތައްޔާރީތައް ކުރިއަށް ގެންދާ ރަންބީރުގެ ލުކް-ޓެސްޓްތަކެއް ވެސް މިހާރު ކުރިއަށްދާ ކަމަށާއި ފިލްމުގެ އިތުރު ކާސްޓުން ވެސް ފައިނަލް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި "ދޫމް 4" ޑައިރެކްޓް ކުރާނީ "ދޫމް 3" ގެ ޑައިރެކްޓަރު ވިޖޭ ކްރިޝްނާ އަޗާރިއާ (ވިކްޓާ) ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ދާދި ފަހުން ބައެއް މީޑިއާތަކުން ބުނީ މީގެ ބަތަލާއިންނަކީ ކިއާރާ އަދުވާނީ އާއި ޝަރުވާރީ ވާގް ކަމަށެވެ.
ނަމަވެސް "ދޫމް 4" އާ ބެހޭ އެއްވެސް މައުލޫމާތެއް ވައިއާރްއެފުން އަދި ރަސްމީކޮށް ހިއްސާ ނުކުރާތީ މިއާ ބެހޭ އެއްވެސް ވާހަކައެއް އަދި ކަށަވަރެއް ނުވެ އެވެ.
އެކަމަކު މީޑިއާތަކުން ބުނީ މި ފަހަރު ފިލްމުގެ އެންމެ މުހިއްމު ތަރިއަކީ ރަންބީރްކަން ކަށަވަރު ކަމަށެވެ. އޭނަ އެންމެ ފަހުން ވައިއާރްއެފަށް ކުޅުނު ފިލްމަކީ ބެލުންތެރިންގެ ފިނި ތަރުހީބެއް ލިބުނު 2022 ގެ "ޝަމްޝޭރާ" އެވެ. ރަންވީރް އަންހެނުން އާލިއާ ބަޓް މިހާރު އޭނަ ވައިއާރްއެފަށް ކުޅޭ ފުރަތަމަ ފިލްމު "އަލްފާ" ގެ މަސައްކަތް ކުރަމުންނެވެ. މި އަހަރުގެ ޑިސެމްބަރުގައި ރިލީޒްކުރަން ހަމަޖެހިފައިވާ އެ ސްޓޫޑިއޯގެ ސްޕައި-ޔުނިވާސް އަށް ނިސްބަތްވާ ފިލްމެކެވެ.
ރިޕޯޓްތައް ބުނާ ގޮތުން "ދޫމް 4" ރަންބީރާ އެކީ ހަދަން ތައްޔާރީތައް ކުރިއަށްދާ އިރު، މި ފަހަރު މި ފްރެންޗައިޒަށް ބޮޑު ބަދަލެއް ގެންނާނެ އެވެ. އެގޮތުން ކުރީގެ ތިން ފިލްމުގައި ފުލުހުންތަކެއްގެ ރޯލު ކުޅުނު އަބީޝެކް ބައްޗަނާއި އުދޭ ޗޯޕްޅާގެ ކެރެކްޓާތައް އާ ފިލްމުގައި ނުހިމެނޭނެ ކަމަށްވެ އެވެ.
"ދޫމް" ފްރެންޗައިޒްގައި އަބަދު ވެސް އޭގެ "އަސްލު" ހީރޯ އަކީ ފިލްމުގެ ވިލަން އެވެ. އެގޮތުން 2004 ގެ "ދޫމް" ގެ ވިލަން އަކީ ޖޯން އަބްހަރަމެވެ. ދެހާސް ހައެއްގެ "ދޫމް 2" ގެ ވިލަން އަކީ ރިތިކް ރޯޝަނެވެ. އަދި އާމިރު ޚާން ވަނީ 2013 ގެ "ދޫމް 3" ގައި ޑަބަލް ރޯލެއް ކުޅެފަ އެވެ.
ރަންބީރްގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި ޑައިރެކްޓަރު ނިތޭޝް ތިވާރީ ދެ ބަޔަކަށް ގެނެސްދޭން ނަމަޖެހިފައިވާ "ރާމާޔަން" އާއި ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ "ލަވް އެންޑް ވޯ" ހިމެނެ އެވެ.
ރަންބީރްގެ އެންމެ ފަހުގެ ފިލްމަކީ 2023 ގެ އެންމެ ބޮޑު ހިޓްތަކުގެ ތެރޭގައި ހިމެނޭ "އެނިމަލް" އެވެ. މީގެ ސީކްއެލްގެ މަސައްކަތް ފަށަން ނިންމާފައި އޮތީ 2027 ގަ އެވެ.