Last Updated: May 6, 17:43
Tuesday, May 6, 2025
ޚަބަރު

އިންޑިއާގެ ރިޕަބްލިކް ޑޭ ކޭމްޕަށް ރާއްޖޭގެ ކެޑޭޑުންތަކެއް

މި މަހުގެ 26 ގައި ފާހަގަކުރާ އިންޑިއާގެ 76 ވަނަ ޖުމްހޫރީ ދުވަހާ ގުޅުވައިގެން ބާއްވާ ރިޕަބްލިކް ޑޭ ޕެރޭޑްގައި ރާއްޖޭހެ ކެޑޭޓުންތަކެއް މި އަހަރު ވެސް ބައިވެރިވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އެގޮތުން ހަތަރު ކެޑޭޓަކާއި އޮފިޝަލަކު ކޭމްޕަށް ދާނެ އެވެ. އޭގެ ތެރޭގައި ހިމެނީ އަންހެން ދެ ކެޑޭޓުންނާއި ފިރިހެން ދެ ކެޑޭޓުންނާ އެވެ. މި ކެޑޭޓުންނާ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން ސައީދު އިއްޔެ ބައްދަލު ވެސް ކުރައްވާފައިވެ އެވެ.

އިންޑިއާގެ ރިޕަބްލިކް ޑޭ ކޭމްޕް ކުރިއަށް ދާނީ މާދަމާ އުން ފެށިގެން މި މަހުގެ 30 އަށެވެ.

ރާއްޖޭގެ ޤައުމީ ކެޑޭޓް ކޯގެ ފަރާތުން ފާއިތުވެ ދިޔަ 14 އަހަރު ވެސް އެ ކޭމްޕްގައި ބައިވެރިވެފައިވެ އެވެ. މި ކޭމްޕްގެ ތެރޭގައި ބައިވެރިންނަށް އިންޑިއާގެ އިސް ވެރިންނާ ބައްދަލު ކުރުމުގެ ފުރުޞަތު ލިބިގެންދާނެ އެވެ. އޭގެ ތެރޭގައި އިންޑިއާގެ ރައީސާއި ބޮޑުވަޒީރާއި ނެޝަނަލް ކެޑޭޓް ކޯގެ ޑިރެކްޓަ ޖެނެރަލް ހިމެނެ އެވެ.

ކޭމްޕްގެ ބައިވެރިންނަށް އިންޑިއާގެ މަޝްހޫރު އާސާރީ ތަންތަނަށް ޒިޔާރަތްކުރުމުގެ ފުރުޞަތު ލިބިގެންދާނެ އެވެ. އޭގެ ތެރޭގައި އާގްރާ، ތާޖް މަޙަލް އަދި ޤުޠުބް މިނާރް ފަދަ ތަންތަން ހިމެނެ އެވެ.

މި ކޭމްޕަކީ ދިވެހި ކެޑޭޓުންނަށް އިންޑިއާގެ ސަގާފަތާއި ތާރީޚާ ބެހޭ މަޢުލޫމާތު އުނގެނި، ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށް ލިބޭ މުހިންމު ފުރުޞަތެއް ކަމުގައި ބެލެވެއެވެ.