ވެރިކަންކުރާ ޕީއެންސީގެ މެންބަރުންގެ އަދަދު އިތުރުކުރުމަށްޓަކައި އެ ޕާޓީ އަށް ވަގަށް މީހުން ވަގޔ ފޯމް ފުރައި ހުށަހަޅާތީ ޕާޓީގެ މަޖިލިސް މެމްބަރެއް ކަމަށްވާ އަސްމާ ރަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ޕީއެންސީގެ މަޖިލިސް މެމްބަރުންގެ ވަޓްސްއެޕް ގްރޫޕެއްގައި މާފަންނު މެދު ދާއިރާގެ މެމްބަރު ވިދާޅުވީ ވަގު ފޯމް ފުރުމުގެ ކަންތައް ކުރީ އެ ޕާޓީގެ ޖަގަހައިގައި ކަމަށާއި އެކަން ކުރީ ކޮން ބައެއްކަން ވެސް އެނގެވަޑައިގަންނަވާ ކަމަށެވެ.
"އަޅުގަނޑަށް އެނގޭ ކުރި ބައެއް. ހިތާމައަކީ ޕީއެންސީ އެތެރެއިން މިކަން ކުރީމަ،" އަސްމާ ވިދާޅުވި އެވެ. "މިއެއް ނޫން މީހުން އިތުރު ކުރާ ގޮތަކީ. ވަރަށް ވިޔާ ނުދާ، ލަދުވެތި ކަމެއް. ވަރަށް ލަދު ވެސް ގަނޭ."
ޕީއެންސީގެ މެމްބަރުންގެ އަދަދު އިތުރުކުރަން ވަގު ފޯމްތަކެއް ހުށަހަޅަމުންދާ ކަމަށް އެ ކަމަނާ ވިދާޅުވުމުން ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް ވަނީ އެކަން ދޮގުކުރައްވައި އެއީ އެ ޕާޓީން ދުވަހަކު ވެސް ކުރާނެ ކަމެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.
ނަމަވެސް ޕީއެންސީން މީސްމީހުންނަށް ނޭނގި އެ ޕާޓީ އަށް މީހުން ވައްދާ މައްސަލަ ބޮޑުވެ، އެކަން މިހާރު އޮތީ ބައެއް ޕާޓީތަކުން އިލެކްޝަން ކޮމިޝަނާއި ފުލުހުންގެ ސަމާލު ކަމަށް ވެސް ގެނެސްފަ އެވެ. އަދި އެކަން އަންނަނީ ބަލަމުންނެވެ.
ޕީއެންސީން އަންނަނީ 100،000 މެންބަރުން ހަމަކުރަން މަސައްކަތް ކުރަމުންނެވެ. އެ ޕާޓީން ބުނީ އެ އަދަދަށް މެންބަރުން ހަމަކުރާ ފުރަތަމަ ޕާޓީ އަށް ވާނެ ކަމަށެވެ.