ޕާޓީ އަށް މެންބަރުން އިތުރު ކުރަމުން އަންނަ މަސައްކަތުގެ ތެރޭގައި ސައްހަ ނޫން ފޯމްތަކެއް ހުށަހެޅިވާތީ އެކަން އެ ޕާޓީން ވެސް ބަލަން ފަށާފައިިވާ ކަމަށާއި އަދި ޕާޓީގައި ފޯމުތައް ސައްހަތޯ ބެލުމުގެ ގާބިލު ކަމެއް ނެތް ކަމަށް ވެރިކަން ކުރާ، ޕާޓީ، ޕީއެންސީން ބުނެފި އެވެ.
އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ ޕާޓީގެ އެކްޓިވިސްޓުންނާއި ހެޔޮއެދޭ ފަރާތްތަކުގެ ބައިވެރިވުމާ އެކު މެންބަރުން އިތުރު ކުރަން މުޅި ރާއްޖޭގައި ހިންގި "މެމްބަޝިޕް ޑްރައިވް" ގެ ތެރެއިން ފުރި އެތައް ހާސް ފޯމެއް އިލެކްޝަން ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.
ނަމަވެސް މަދުން ނަމަވެސް ސައްހަ ނޫން ފޯމްތަކެއް ހުށަހެޅިފައިވާކަން ފާހަގަކުރާ ކަމަށް ޕީއެންސީން ބުންޏެވެ.
"މިއީ ރާއްޖޭގައި މިހާތަނަށް އެއްފަހަރާ މިހާ ގިނަ އަދަދަކަށް ސިޔާސީ ޕާޓީއަކަށް ވަނުމަށް ފޯމު ހުށަހެޅުނު އެއް ހަރަކާތަށްވެފައި ޕާޓީގެ އިދާރީ މުވައްޒަފުން ނުހަނު ބުރަކޮށް މަސައްކަތްކޮށް، ޕާޓީގެ އިލެކްޝަން ޕޯޓަލް މެދުވެރިކޮށް އެ ފޯމްތައް އަޕްލޯޑް ކުރަމުން ދިޔަ ނަމަވެސް، ޕާޓީ އަށް ލިބޭ ފޯމްތަަކުގެ ސައްހަކަން ކަށަވަރު ކުރުމުގެ ގާބިލުކަން ޕާޓީގައި ނެތުމުގެ ނަތީޖާ އަކީ ފޯމެއްގެ ސައްހަކަމާ މެދު ސުވާލު އުފެދޭ ހިސާބަކީ އީސީ އަށް ފޯމު ހުށަހެޅުމުގެ ފަހު މަރުހަލާ." ޕީއެންސީން ބުންޏެވެ.
އެ ޕާޓީން ބުނީ ސައްހަ ނޫން ފޯމްތަކުގެ މައްސަލަ އީސީ އާއި ފުލުހުން ވެސް މިހާރު ބަލަމުން އަންނާތީ ޕާޓީން އެކަމަށް ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.
ޕީއެންސީން ބުނީ ސައްހަ ނޫން ފޯމްތައް ހުށަހަޅައިގެން ޕާޓީގެ މެންބަރުންގެ އަދަދު އިތުރުކޮށް ރައްޔިތުންގެ ހައްގެއް ގެއްލޭ ފަދަ އެއްވެސް ކަމެއް ކުރުމަކީ އެ ޕާޓީގެ ލީޑަޝިޕުން ބަލައިގަނެ، ހިތްވަރު ވެސް ދޭނެ ކަމެއް ނޫން ކަމަށެވެ. އަދި ސައްހަ ނޫން ފޯމެއް މެދުވެރިކޮށް އެއްވެސް މީހަކު ޕާޓީ އަށް ވައްދާފައިވާ ނަމަ މި މެއިލް info@pnc.mv މެދުވެރިކޮށް އެކަން ހިއްސާ ކުރުމުން އެކަން ހައްލުކޮށް ދޭނެ ކަމަށް ޕީއެންސީން ބުންޏެވެ.
ޕީއެންސީން އަންނަނީ 100،000 މެންބަރުން ހަމަކުރަން މަސައްކަތް ކުރަމުންނެވެ. އެ ޕާޓީން ބުނީ އެ އަދަދަށް މެންބަރުން ހަމަކުރާ ފުރަތަމަ ޕާޓީ އަށް ވާނެ ކަމަށެވެ.