ކެމްބްރިޖު އިމްތިހާނުގެ މުގައްރަރުތަކަށް ފެންވަރު ރަނގަޅު ފޮތްތަކާއި ޑިޖިޓަލް ކޮންޓެންޓު އުފެއްދުމުގެ މަސައްކަތް ދިވެހި ޓީޗަރުންނަށް ހުޅުވައިލަން ނިންމައިފި އެވެ.
މިކަން ފޭސްބުކް ފޯސްޓެއްގައި ހިއްސާކުރައްވައި އެޑިއުކޭޝަން މިނިސްޓަރު. ޑރ. އިސްމާއީލް ޝަފީފު ވިދާޅުވީ ފޮތްތައް ލިޔަން ޝައުގުވެރިވާ ޓީޗަރުންނަށް އަންނަ ހަފުތާގެ ތެރޭގައި އެ ފުރުސަތު ހުޅުވައިލާނެ ކަމަށެވެ.
"އަޅުގަނޑު ގަބޫލު ކުރަނީ ކެމްބްރިޖު އިމްތިހާނުގެ މުގައްރަރުތަކަށް ފެންވަރު ރަނގަޅު ފޮތްތަކާއި ޑިޖިޓަލް ކޮންޓެންޓު އުފެއްދުމުގެ ގާބިލުކަން ދިވެހިރާއްޖޭގެ މުދައްރިސުންގެ ކިބައިގައި ހުރިކަމަށް." މިނިސްޓަރު ވިދާޅުވި އެވެ. "މިނިސްޓްރީން ބޭރުން ގަނެގެން ދަރިވަރުންނަށް ފޯރުކޮށް ދޭ ފޮތްތަކުގެ ބަދަލުގައި ގިނަ އިސްކޫލުތަކުގައި ދަރިވަރުން ބަރޯސާވަމުން ދަނީ ވެސް ރާއްޖޭގެ މުދައްރިސުން ތައްޔާރުކޮށް ދަރިވަރުންނަށްދޭ ނޯޓުތަކަށް. އަދި ބޭރުން ގަނެގެން މިހާރުދެވޭ މަސައްކަތުފޮތަށް ވުރެ މާ ފެންވަރުރަނގަޅު، ސީދާ އިމްތިހާނަށް އަމާޒުކުރެވިފައިވާ ފޮތްތައް ވެސް ރާއްޖޭގެ މުދައްރިސުން ތައްޔާރުކޮށްފައިވާކަން ފާހަގަކުރެވޭ."
މިނިސްޓަރު ވިދާޅުވީ އެހެންވެ ފޮތްތައް ލިޔަން ފުރުސަތު ފަހިކޮށް އެކަށީގެންވާ އަގެއްގައި ދިވެހި މުދައްރިސުންނަށް ހުޅުވާލައިފި ނަމަ އޭގެ މަންފާ ބޮޑުވާނެ ކަމެށް ގަބޫލު ވެސް ކުރައްވާ ކަމަށެވެ.
އަދި ފޮތްތައް ގަންނަން ބޭރަށް ކުރާ ހޭދަ ގައުމުގެ ތެރޭގައި ހިފެހެއްޓުމާއި، އެފަދަ ފޮތް ލިޔުމުގެ ހުނަރުވެރިކަން އިތުރުވުގެން ދިއުމާއި، މިހާރު ބޭރުން ގަނެގެން ދަރިވަރުންނަށް ފޯރުކޮ ށްދޭ ފޮތްތައް ބޭނުން ނުކުރުމުގެ ސަބަބުން ސްކޫލުތަކުން ނޯޓު ޕްރިންޓު ކުރުމަށް ކުރާ ހޭދަ ކުޑަކުރެވުމުގެ އިތުރަށް ތިމާވެއްޓާއި ރައްޓެހި އާދަކާދަތައް އަށަގަންނެވުމަށް އިތުރު ބާރަކަށް ވެސް މިކަން ވާނެ ކަމަށް ޝަފީއު ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ، މި އަންނަ ހަފްތާގައި ފޮތްތައް ލިޔަން ޝައުޤުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާނެ. ފަރުދެއްގެ ގޮތުގައި ވެސް އަދި ޓީމެއްގެ ގޮތުގައި ވެސް ފޮތާއި ޑިޖިޓަލް ކޮންޓެންޓު ތައްޔާރުކޮށް ވިއްކަން ހުށަހެޅިދާނެ،" މިނިސްޓަރު ވިދާޅުވި އެވެެ. އެވެ. "މިކަމުގައި ތަޖުރިބާ ހުރި މުދައްރިސުން އިސްނެންގެވުން އެދެން."