ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް މެންބަރުން އިތުރުކުރުމަށް ކުރިއަށް ގެންދިޔަ "މެމްބާޝިޕް ޑްރައިވް" ހަރަކާތުގެ ތެރެއިން ސައްހަ ނޫން ފޯމުތަކެއް ހުށަހެޅި މައްސަލައިގައި ހޯމް މިނިސްޓަރު އަލީ އިހުސާންއާ ސުވާލު ކުރަން ހުށަހަޅައިފި އެވެ.
ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް ނަސީމު ހުށަހެޅި ވަޒީރުންނާ ސުވާލުކުރުމާބެހޭ ނޯޓިސްގައި ބުނެފައިވަނީ ހޯމް މިނިސްޓްރީގެ ދަށުން ހިންގަމުންދާ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންގެ ޑޭޓާބޭސް ބޭނުންކޮށްގެން މީހުންގެ ޝަހުސު އޮޅުވާލައި ޕީއެންސީއަށް މެންބާޝިޕް ފޯމު ފުރާވާކަން ހާމަވެފައިވާ ކަމަށެވެ.
މީކާއިލް ވަނީ މީހުންގެ ޒާތީ މައުލޫމާތު އިތުރަށް ރައްކާތެރިކުރުމަށް އަޅަނީ ކޮން ފިޔަވަޅެއްތޯއާއި ސައްހަ ނޫން ފޯމުތަކުގައި ހެކިންގެ ގޮތުގައި ސޮއިކޮށްފައިވާ ހޯމް މިނިސްޓްރީގެ އިސްވެރިންނާމެދު އެއްވެސް ފިޔަވަޅެއް އަޅާފައިވޭތޯ ސުވާލުކުރަން އެދިފަ އެވެ.
ސައްހަ ނޫން ފޯމުތަކެއް ހުށަހެޅުނު ކަމަށް ޕީއެންސީން އެއްބަސްވެފައިވާއިރު. އެ މައްސަލަ އިލެކްޝަންސް ކޮމިޝަން (އީސީ) އަދި ފުލުހުންވެސް ގެންދަނީ ތަހުގީގު ކުރަމުންނެވެ.