Last Updated: May 10, 20:45
Saturday, May 10, 2025
ދުނިޔެ

މެޓަ އިން އަނެއްކާ ވެސް މުވައްޒަފުން މަދުކުރަނީ

ހަރަދުތައް ކުޑަކުރަން އަޅަން ފެށި ފިޔަވަޅުތަކުގެ ތެރެއިން މި ފަހުން އެކި ފަހަރު މަތިން މުވައްޒަފުން މަދުކޮށްފައިވާ އެމެރިކާގެ މަޝްހޫރު ޓެކް ކުންފުނި، މެޓަ އިން އަނެއްކާ ވެސް މުވައްޒަފުން މަދުކުރަން ނިންމައިފި އެވެ.

މިކަމާ ގުޅޭ ގޮތުން ފޭސްބުކާއި އިންސްޓަގްރާމްގެ އިތުރުން ވަޓްސްއެޕް ފަދަ ޕްލެޓްފޯމްތައް ހިންގަމުން އަންނަ ކުންފުނީގެ ސީއީއޯ މާކް ޒަކަބާގް މުވައްޒަފުންނަށް ފޮނުއްވި މެމޯއެއްގައި ވިދާޅުވީ ކުންފުނީގެ މުވައްޒަފުންގެ ތެރެއިން 5 ޕަސެންޓް މުވައްޒަފުން ދޫކޮށްލަން ހަމަޖެހިފައިވާ ކަމަށެވެ.

އެހެންވެ ގާތްގަނޑަކަށް 3،600 އެއްހާ މުވައްޒަފުންގެ ވަޒީފާ ގެއްލޭނެ އެވެ.

މެމޯގައި ވާ ގޮތުން ދޫކޮށްލަން ނިންމާފައި ވަނީ ފަފޯންސްތައް ދަށް މުވައްޒަފުންނެވެ. އެގޮތުން އެމެރިކާ އިން ވަކިކުރާ މުވައްޒަފުން އަންނަ މަހުގެ 10 އިން ފެށިގެން ވަކިކޮށް، ދުނިޔޭގެ އެހެން ހިސާބުތަކުގައި މަސައްކަތްކުރާ މެޓަގެ މުވައްޒަފުންނަށް ނޯޓިސް ދޭނެ ތާރީހެއް ފަހުން އަންގާނެ ކަމަށް މެމޯގައި ވިދާޅުވެފައިވެ އެވެ.

މެޓަގެ މުވައްޒަފުންގެ އަދަދު 72،000 އަށް އަރަ އެވެ.

ޒަކަބާކް ވިދާޅުވީ މުވައްޒަފުންތަކެއް މި ދަނޑިވަޅުގައި މަދުކުރަން ނިންމީ މި އަހަރަކީ "ވަރަށް އިންޓެންސް" އަހަރަކަށްވާނެތީ ކަމަށެވެ. އެހެންވެ އެކަން ފޫބައްދަން މުވައްޒަފުންތަކެއް މަދުކުރި ނަމަވެސް އަހަރުގެ ފަހުކޮޅު އަނެއްކާ ވެސް މުވައްޒަފުންތަކެއް ނަގާނެ ކަމަށް ވިދާޅުވި އެވެ.

"މި ދަނޑިވަޅުގައި ބޭނުން ވަނީ ވަަރަށް ރަނގަޅަށް މަސައްކަތް ކުރާނެ ޓީމެއް." ޒަކަބާގް ވިދާޅުވި އެވެ.

ދެހާސް ބާވީހުގެ ފަހުން ދުނިޔޭގެ ބޮޑެތި ވަރަށް ކުންފުނިތަކުން ހަރަދުތައް ކުޑަކުރަން މިހާތަނަށް އެކި ފަހަރު މަތިން މުވައްޒަގުން މަދުކޮށްފައިވެ އެވެ.