ވެރިކަން ކުރާ ޕާޓީ، ޕީއެންސީ އަށް މެންބަރުން އިތުރުކުރުމަށްޓަކައި 18 އަހަރު ފުރޭ މީހުންގެ މައުލޫމާތު ހޯދައި، އެ ޕާޓީ އަށް ވައްދަން ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން އިސްކޮށް ހުންނަވައިގެން މަސައްކަތް ކުރައްވާ ކަމަށް އެމްޑީޕީން ކުރި ތުހުމަތަކަށް ރައްދު ދެއްވައިފި އެވެ.
އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ) ރޭ ސޯޝަލް މީޑިއާ ޕޯސްޓެެއްގައި ވިދާޅުވީ ހޯމްލޭންޑް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) އިން އުމުރުން 18 އަހަރު ފުރޭ މީހުންގެ މައުލޫމާތު ހޯދައި މިނިސްޓަރު އިހުސާންގެ ބެއްލެވުމުގެ ދަށުން އެ ޒުވާނުންގެ ނަމުގައި މިހާރު ފޯމުތައް ފުރައި އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅަން ތައްޔާރުކޮށް ޕީއެންސީ އޮފީހުގައި ހުރި ކަމަށް މައުލޫމާތުތަކުން ލިބޭ ކަމަށެވެ.
މިއަހަރު 18 އަހަރުފުރޭ ކުދިންގެ މައުލޫމާތު @dnrmaldives އިންހޯދާ @min_mohst އިހުސާނުގެ ބެލުމުގެ ދަށުން އެކުދިންގެ ނަމުގައި މިހާރު ފޯމްތައް ފުރާ 18 އަހަރު ވުމުން @ElectionsMv އަށް ހުށައަޅަން ތައްޔާރުކޮށް ޕީއެންސީ އޮފީހުގައި ހުރިކަމުގެ މައުލޫމާތު ލިބޭ
— Ibrahim Waheed (@ibreys) January 14, 2025
އިބްރޭގެ އެ ތުުހުމަތަށް ރައްދު ދެއްވައި އިހުސާން ވިދާޅުވީ މީހުންގެ ބޮލުގައި އެފަދަ ބޮޑެތި ދޮގު ހަދައިގެން ކަންކަން އެޅުވުމަށް ވުރެ އެމްޑީޕީގެ ސިޔާސަތުތަކުގެ ރަނގަޅު ވާހަކަ ދެއްކުމަށް ވަގުތު ހޭދަކުރުން ރަނގަޅު ވާނެ ކަމަށެވެ.
"މަނިކުފާނުގެ ސަރުކާރުގައި މިކަން ކުރައްވަން މަނިކުފާނު ވިސްނެވީތޯ؟ ހަމަ ޔަގީނުން ވެސް އަޅުގަނޑު މިހާތަނަށް ހިޔާލަށް ވެސް ނުގެންނަ ކަމެއްގެ ވާހަކަ ތިޔަ ވިދާޅުވީ،" އޭނަ ވިދާޅުވި އެވެ. "ތި ބޭފުޅުން ތި ދައްކަވާ ކޮންމެ ދޮގު ވާހަކައަކަށް ޖަވާބުދޭނެ ވަގުތު ނުވަތަ ފުރުސަތު އެ މީހަކަށް ނުލިބިވެސް ދާނެ."
މަނިކުފާނުގެ ސަރުކާރުގަ މިކަން ކުރައްވަން
މަނިކުފާނު ވިސްނެވީތޯ؟ ހަމަޔަގީނުންވެސް އަޅުގަނޑު މިހާތަނަށް ޚިޔާލަށްވެސް ނުގެންނަކަމެއްގެ ވާހަކަ ތިޔަ ވިދާޅުވީ. ތިބޭފުޅުން ތި ދައްކަވާ ކޮންމެ ދޮގުވާހަކައަކަށް ޖަވާބުދޭނެ ވަގުތު ނުވަތަ ފުރުސަތު އެމީހަކަށް ނުލިބިވެސްދާނެ. މީހުންގެ ބޮލުގަ… https://t.co/9wv1ypU8gH— Minister of Homeland Security & Technology (@min_mohst) January 14, 2025
ޕީއެންސީ އަށް ވަގަށް މީހުން ވައްދާ މައްސަލަ ބޮޑުވެ، އެކަން ފުލުހުންނާއީ އީސީ އަށް ހުށަހަޅައިގެން ބަލަމުން އަންނަ އިރު، މި މައްސަލާގައި މިނިސްޓަރާ ސުވާލު ކުރަން ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް ނަސީމު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފަ އެވެ.
ޕީއެންސީ އަށް 100،000 މެންބަރުން އިތުރު ކުރަން ފަށާފައިވާ މަސައްކަތުގެ ތެރެއިންް ވަގު ފޯމްތަކެއް އީސީ އަށް ހުށަހެޅި ކަމަށް ޕީއެންސީން އެއްބަސް ވެސް ވެފައިވެ އެވެ. އަދި އެކަން ބަލަމުން އަންނާތީ އެއްބާރުލުން ދޭނެ ކަމަށް ބުނެފައިވެ އެވެ.