މީހުންގެ ޒާތީ މައުލޫމާތު ވަގަށް ނަގައިގެން ވެރިކަން ކުރާ ޕާޓީ، ޕީއެންސީ އަށް މީހުން ވައްދާ މައްސަލަ ބޮޑުވެފައިވާތީ ހޯމްލޭންޑް މިނިސްޓަރަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ބަހުގެ ހަމަލާތަކެއް ދެއްވައިފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕާޓީ، ޕީއެންއެފަށް މިހާރު ނިސްބަތްވާ ޖަމީލު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ އިހުސާންގެ މިނިސްޓަރު ކަމުގައި ރައްޔިތުންނަށް އެއްވެސް ރައްކާތެރިކަމެއް ނެތްކަން ސާބިތުވެފައިވާ ކަމަށެވެ.
ޖަމީލް ވިދާޅުވީ ތަހުޒީބު މުޖުތަމައުއެއްގައި ހޯމްލޭންޑް ވަޒީރުގެ ބެލުމުގެ ދަށުން ބޮޑެތި ޖިނާއީ ކުށްތަކެއް ހިނގައިފިނަމަ، މަގާމުގައި ނުހުރެވޭނެ ކަމަށެވެ.
"އެއްވެސް ތަހްޒީބު މުޖުތަމައުއެއްގައި ދާަހިލީ ވަޒީރު ގެ ބެލުމުގެ ދަށުން މިހާ ބޮޑަތި ޖިނާއީ ކުށްތަކެއް ހިނގައި، މަގާމުގައި ނުހުރެވޭނެ،" އޭނަ ވިދާޅުވި އެވެ. "މަނިކުފާނުގެ ބެލުމުގެ ދަށުން އެއްވެސް ރައްޔިތަކަށް ރައްކާތެރިކަމެއް ނެތްކަން މިސާބިތުވީ. މަނިކުފާނަށް ހަމަނިދިން ނިދޭތޯ؟"
ޖަމީލު ވިދާޅުވީ ހޯމްލޭންޑް މިނިސްޓަރީގެ ޑިޕާޓްމަންޓުތަކުގެ ވެރިން އެކްސަސްދީ ސޮއިކޮށް، ހިންގި ކަމެއްގައި ސަބަބުވެރި އެއްވެސް އިންސާނަކު މިނިސްޓަރަށް އެކަމުން ރެކެވޭނެ ކަމަށް ނުދެކޭނެ ކަމަށެވެ. އަދި ޕާޓީގެ ފޯމު ބޮނޑި ހިއްޕަވައިގެން އިހުސާން ހުންނެވި އިރު މިނިސްޓްރީ ތެރޭގައި އިނގިލިތައް ފިސްފިސްވަންދެން ފޯޖުކޮށް، ސޮއިކުރުމުގެ އިތުރުން ފިންގާ ޕްރިންޓް ޖަހަން ތިބިކަން ނަފީ ކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
"މަނިކުފާނަކީ ކިޔަވައިގެން ހުންނެވި ޒުވާނެއް. އެކަމަށް އިޙްތިރާމު ކުރަން. އެކަމަކު މަނިކުފާނަކީ ސިޔާސީ ގޮތުން ތޫނުފިލި، ނަޒާޙަތްތެރި ބޭފުޅެއް ނޫން. މަނިކުފާނުގެ ޕާޓީގެ އެމްޕީންތައް، ގޭންގު ހަދައި ކުށްތަކުގައި ނޫޅޭތޯ؟،" ޖަމީލު ވިދާޅުވި އެވެ. "އިދިކޮޅު ޕާޓީއަށް ގޯނާކުރާ އިރު، ރައްކާތެރިކަން ދެވިއްޖެތޯ؟ މަނިކުފާނުގެ މަޞްލަޙަތު އޮތް ބައެއް ވިޔަފާރިތަކަށް ނާޖާއިޒު ފައިދާ ނުދެވޭތޯ؟"
އޭނަ ވިދާޅުވީ އިހުސާންގެ މައްޗަށް ފޯޖަރީ އާއި މަކަރާއި ހީލަތް އަސާސީ ހައްގު "ރައިޓް ޓު ޕްރައިވަސީ ވަޔަލޭޓް" ކުރުން ފަދަ އެތައް ތުހުމަތެއް ކުރެވޭ ކަމަށެވެ. ވެސް ޖަމީލް ފާހަގަކުރެއްވި އެވެ.
އިދިކޮޅު ޕާޓީތަކުން ތުހުމަތު ކުރާ ގޮތުގައި ޕީއެންސީ އަށް 100،000 މެންބަރުން އިތުރު ކުރަން މަސައްކަތްކޮށްފައި ވަނީ ހޯމްލޭންޑް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން ޑީއެންއާރް) ގެ ޑޭޓާބޭސްގައި ހުރި މައުލޫމާތު ވަގަށް ބޭނުން ކޮށްގެންނެވެ.