Last Updated: May 10, 14:05
Saturday, May 10, 2025
ޚަބަރު

ތައިލޭންޑާއި ޔޫއޭއީގައި އާސަންދަ ފަށައިފި

އާސަންދަ ސްކީމް މެދުވެރިކޮށް މިހާރުި ތައިލެންޑާއި ޔޫއޭއީން ބޭސްފަރުވާގެ ޚިދުމަތް ދޭން ފަށާފައިވާ ކަމަށް އާސަންދަ ކުންފުނން ބުނެފި އެވެ.

މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

މިހާތަނަށް އާސަންދައިގެ ދަށުން ބޭސް ފަރުވާ ކުރެވެނީ އިންޑިއާ އާއި ލަންކާއިންނެވެ. ނަމަވެސް ޔޫއޭއީ އާއި ތައިލޭންޑުން ފަރުވާ ހޯދޭނެ އިންތިޒާމު އާސަންދަ އިން ހަމަޖެއްސީ ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށް ދިނުމުގެ ގޮތުންނެވެ.

އާސަންދަ ސްކީމުގެ ދަށުން ޚިދުމަތް ދިނުމަށް އެކުވެރި ޔޫއޭއީ އާއި ތައިލެންޑުގެ ތިން ހޮސްޕިޓަލަކާއެކު ސޮއިކުރީ މިދިޔަ މަހުގެ ތެރޭގަ އެވެ.

އެ ހޮސްޕިޓަލްތަކަކީ އަބޫދާބީގެ ބުރްޖީލް މެޑިކަލް ސިޓީ އާއި ބެންކޮކްގެ ވޯރލްޑް މެޑިކަލް ހޮސްޕިޓަލުގެ އިތުރުން ބެންކޮކް ހޮސްޕިޓަލެވެ.

އާސަންދަ އިން ބުނީ ދެ ގައުމުން ސްކީމްގެ ޚިދުމަތް ހޯދޭ ގޮތަށް މިހާރު ހުޅުވާލާފައިވާކަމަށެވެ. އެގޮތުން މިހާރު ކަނޑައެޅިފައިވާ ހޮސްޕިޓަލްތަކަށް ޚިދުމަތް ދިނުމަށް ފޮނުވާނީ ހުސްނުވާ އާސަންދަ ސްކީމް ހިންގުމުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ށ) ގެ ދަށުން މިހާރުވެސް ރާއްޖެއިން ބޭރުގެ ހޮސްޕިޓަލްތަކުން ޚިދުމަތް ދިނުމަށް ޢަމަލުކުރާ ނިޒާމުގެ ތެރެއިންކަމަށް އާސަންދައިން ބުންޏެވެ.

ތައިލޭންޑާއި ޔޫއޭއީ އިން އާސަންދަ ޚިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކަށް ބަލިމީހުން ރިފަކުރުން ފެށިގެންދާއިރު، ފުރަތަމަ އިސްކަން ދިނުމަށް ހަމަޖެހިފައި ވަނީ ކިޑްނީ ޓްރާންސްޕްލާންޓް ހަދަން ޖެހިފައިވާ މީހުންނަށެވެ. ހާއްސަކޮށް ރާއްޖެ، އިންޑިއާ ނުވަތަ ލަންކާގެ މަރުކަޒެއް މެދުވެރިކޮށް، އެތައް ފަހަރެއްގެ މަތިން ފަރުވާ ހޯދި ނަމަވެސް ބަލީގެ ޙާލަތަށް ކުރިއެރުމެއް ނުލިބި، ބަލި ތަޙައްމަލު ކުރަމުންދާ ފަރާތްތަކަށް އިސްކަން ދޭނެ އެވެ.

އާސަންދަ އިން ބުނީ ޔޫއޭއީ އާއި ތައިލެންޑަށް އާސަންދަ ސްކީމުގެ ޚިދުމަތް ފުޅާވެގެން ދިޔަ އިރު ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ބައިތަކަށް ޚިދުމަތް ފުޅާކުރާނެ ކަމަށެވެ.

ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށްއެދި އާސަންދަ މޯބައިލް އެޕުންނާއި މައި އާސަންދަ ޕޯޓަލުން އޮންލައިންކޮށް އެޕްލިކޭޝަން ހުށަހެޅޭނެ އެވެ. އަދި ހޮސްޕިޓަލުތަކުގައި ގާއިމުކުރެވިފައިވާ ވިރަ ކައުންޓަރުތަކަށާއި އާސަންދަ ފްރަންޓް އޮފީހުގެ ކައުންޓަރަށް ވެސް އެޕްލިކޭޝަން ހުށަހެޅޭނެ އެވެ.