އަޒަރުބައިޖާންގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒުގެ ނައިބު، އެލްނޫރު މަމަދޮވް، ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި އަޒަރުބައިޖާނާއި ދެމެދު ވައިގެ މަގުން ސީދާ ދަތުރުތައް ފެށިގެން ދިއުމަކީ ފަތުރުވެރިކަން ކުރިއެރުވުމަށާއި ދެޤައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމުގެ މަގުގައި ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކުރެއްވި އެވެ.
މި ދެ ބޭފުޅުންގެ ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް، ދެ ޤައުމަށް ފައިދާހުރި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރައްވާފައިވެ އެވެ. އެގޮތުން މޫސުމީ ބަދަލުތަކާއި ސަގާފަތާއި ވިޔަފާރީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.
ރާއްޖެއާއި އަޒަރުބައިޖާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރީ 2006 ވަނަ އަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހު އެވެ.