ހޯމް މިނިސްޓަރު އަލީ އިހުސާން ވަގުތުން މަގާމުން ވަކިކުރަންޖެހޭ ކަމަށް، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ފައްޔާޒު މިކަމަށް ގޮވާލާފައިވަނީ ސަރުކާރު ހިންގާ ޕީއެންސީގެ މެމްބަރުންގެ އަދަދު އިތުރުކުރަން ވަގު ފޯމްތަކެއް ހުށަހެޅި މައްސަލައެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައި، ފޯމުތައް ފުރުމުގެ ކަންކަން އިހުސާންގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިޔަ ކަމަށް ބުނާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި މިއަދު އާންމުވުމުންނެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ ޑިޖިޓަލް ކުރިއެރުމަށް އެސްޓޯނިއާގެ އެހީތެރިކަން ހޯދުމަށް އެ ގައުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޑައިގެން ހުންނެވިއިރު، ފެނިގެންދަނީ ރާއްޖޭގައި ޑިޖިޓަލް ކަންކަމާ ހަވާލުވެ ހުންނެވި ވަޒީރު ރޯމާ ދުވާލު ރައްޔިތުންގެ އައިޑެންޓިޓީ އިން ވައްކަން ކުރަމުންދާތަން ކަމަށެވެ.
މިއީ މި ރާއްޖޭގައި ޑިޖިޓަލް އަދި ޓެކު ދާއިރާއިން މިހާތަނަށް ކުރި މަސައްކަތްތަކާއި މި ސަރުކާރުން ކުރަން ރާވާފައިވާ ކަންކަން އެއްކޮށް ފެއިލްވާނެ ކަމުގެ ހެއްކެއް ކަމަށާއި އައިޑެންޓިޓީއިން ވައްކަން ކުރުމަކީ ނުރައްކާތެރި ކަމެއް ކަމަށްވާއިރު، ޒާތީ މައުލޫމާތު ރައްކާ ނުކުރެވޭ ގައުމަކަށް ޑިޖިޓަލް ވުމެއް ނެތް ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
"ޑީއެންއާރުގެ ޑޭޓާބޭސް ފަޅައިލައި އެތައް ބައެއްގެ މައުލޫމާތު ވަގަށް ނަގަން ފުރުސަތު ފަހިކޮށްދިން މިނިސްޓަރު އިހުސާން ވަގުތުން މަގާމުން ވަކިކުރަން ޖެހޭ،" ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒު ވަނީ މިދިޔަ ހަ މަސް ދުވަހު އިލެކްޝަންސް ކޮމިޝަނަށް ޕީއެންސީން ހުށަހެޅި ހުރިހާ ފޯމެއް ބާތިލުކޮށް މި މައްސަލަ މިނިވަންކަމާއެކު ބަލައި ފިޔަވަޅު އަޅަންޖެހޭ ކަމަށްވެސް ވިދާޅުވެފަ އެވެ.
ޕީއެންސީން އޮޅުވާލައިގެން މީހުން އެ ޕާޓީ އަށް ވައްދާ މައްސަލަ ބޮޑުވެ، އެކަން މިހާރު އޮތީ ބައެއް ޕާޓީތަކުން އިލެކްޝަން ކޮމިޝަނާއި ފުލުހުންގެ ސަމާލު ކަމަށް ވެސް ގެނެސްފަ އެވެ.
ޕީއެންސީން އަންނަނީ 100،000 މެންބަރުން ހަމަކުރަން މަސައްކަތް ކުރަމުންނެވެ. އެ ޕާޓީން ބުނީ އެ އަދަދަށް މެންބަރުން ހަމަކުރާ ފުރަތަމަ ޕާޓީ އަށް ވާނެ ކަމަށެވެ.