ބަތަލާ ޕްރިޔަންކާ ޗޯޕްޅާގެ ފިރިމީހާ ނިކް ޖޯނަސްގެ އާއިލީ ބޭންޑް، "ޖޯނަސް ބްރަދާސް" ގެ ފިލްމެއްގައި ޕްރިޔަންކާ މުހިއްމު ރޯލެއް ކުޅެން ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާތަކުން ބުނީ އަދި ނަން ސާފުނުވާ މި ފިލްމުގެ ޝޫޓިން މީގެ ދެ ދުވަސް ކުރިން ފެށިގެން ކެނެޑާގެ ޓޮރޮންޓޯގައި ކުރިއަށްދާ ކަމަށެވެ. މި އަހަރު ޑިޒްނީން ގެނެސްދޭ ގޮތަސް ހަދާ މި ފިލްމުގެ ކާސްޓުން "ޖޯނަސް ބްރަދާސް" ގައި ނިކްއާ އެކީ މަސައްކަތް ކުރަމުން އަންނަ ދެ ބޭބެއިން ކަމަށްވާ ކެވިން ޖޯނަސް އާއި ޖޯ ޖޯނަސް ވެސް ފެންނާނެ އެވެ.
މީގެ އިތުރުން އެ ތިން ބެއިންގެ ހަގު ކޮއްކޮ، ފްރޭންކީ ޖޯނަސް އާއި "އޭޖެންޓްސް އޮފް ޝީލްޑް" ގެ ތަރި ކްލޯއީ ބެނޭ ވެސް ކާސްޓްގައި ހިމެނެ އެވެ.
"ޖޯނަސް ބްރަދާސް" ގެ ފިލްމެއްގައި ޕްރިޔަންކާ ހިއްސާވާ އިރު، އެ ބޭންޑްގެ ވީޑިއޯ ލަވައެއްގައި ވެސް އޭނަ މީގެ ކުރިން ބައިވެރިވެފައިވެ އެވެ. ބޭންޑްގެ އެންމެ ފަހުގެ އަލްބަމަކީ 2023 ގެ "ދި އަލްބަމް" އެވެ.
ޕްރިޔަންކާގެ ފިރިމީހާ އަކީ މިއުޒިޝަނެއްގެ އިިތުރުން ލަވަކިޔުންތެރިއެކެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ 2023 ގެ "ދަ ގުޑް ހާފް" އެވެ. މިހާރު "ޕަވާ ބެލޭ" ކިޔާ ފިލްމެއްގެ މަސައްކަތް ވެސް ފަށާފައި އޮތް ނިކް ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި "ކެއާފުލް ވަޓް ޔޫ ވިޝް ފޯ" އާއި "ޖުމާންޖީ: ވެލްކަމް ޓު ދަ ޖަންގަލް" އަދި "ކެއޯސް ވޯކިން" ހިމެނެ އެވެ.
ޕްރިޔަންކާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ހެޑްސް އޮފް ސްޓޭޓް' އަދި "ބްލަފް" ހިމެނެ އެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ 2023 ގެ "ލަވް އެގެއިން" އެވެ. މި އަހަރުގެ ތެރޭގައި އިންޑިއާގެ ފިލްމެއް ކުޅޭނެ ކަމަށް ޕްރިޔަންކާ ބުނެފައިވެ އެވެ.