ދަރިންނަށް ހަރަދު ނުދޭ މީހުންގެ މައުލޫމާތު ބައެއް މެޖިސްޓްރޭޓް ކޯޓުތަކުން އާންމުކުރަން ފަށައިފި އެވެ.
އެ މައުލޫމާތު އާންމު ކުރަން ފެށި ކޯޓްތަކުގެ ތެރޭގައި ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓާއި ހިންންވަރު މެޖިސްޓްރޭޓް ކޯޓު ހިމެނެ އެވެ.
ދަރިންނަށް ހަރަދު ނުދޭ މީހުންގެ މައުލޫމާތު ބައެއް މެޖިސްޓްރޭޓް ކޯޓުން އާއްމުކުރި ނަމަވެސް މާލޭގައި ހުންނަ ފެމެލީ ކޯޓުން އެ މައުލޫމާތު އާންމު ކުރާކަށް އަދި ނުފަށަ އެވެ.
ކޯޓުތަކުން ކުރާ ހުކުމާ ހުކުމާ އެއްގޮތަށް ދަރިންނަށް ހަރަދު ނުދޭ މީހުންނަކީ ސާބިތު ހަރަދަށް ފައިސާ ނުދައްކާ މީހެއްގެ ގޮތުގައި ކޯޓުތަކުން ބަލަ އެވެ. އަދި އާއިލާއާ ބެހޭ ގަވާއިދުން ދަށުން އެ މީހުންގެ ވަނަވަރު އާންމުކޮށް އިއުލާންކުރަން ހުއްދަ އޮވެ އެވެ.
ދަރިންނަށް ހަރަދު ނަގައި ދިނުމުގެ ގަވާއިދު ބުނާ ގޮތުން އެންމެ ކުއްޖެއް ހުރި ނަމަ ހަރަދުގެ ގޮތުގައި މަހަކު 2،000ރ. ދައްކަން ޖެހެ އެވެ. އަދި އެއް ކުއްޖަކަށް ވުރެ ގިނަވެއްޖެ ނަމަ ކޮންމެ ކުއްޖަކަށް މަހަކު 1،000 ރުފިޔާގެ މަގުން ހަރަދު ދޭން ޖެހެ އެވެ.
ދަރިންނަށް ހަރަދު ނުދޭ މައްސަލަތަކުގައި ރާއްޖޭގެ ހުރިހާ ހިސާބުތަކެއްގައި ވެސް ކޯޓްތަކަށް ހުށަހެޅޭ މައްސަލަތައް ގިނަ އެވެ. އަދި ސަރުކާރުން އެކަނިވެރި މައިންނަށް އިނާޔަތެއް ދެމުން އަންނަކަން ވެސް ފާހަގަކުރެވެ އެވެ.