Last Updated: July 25, 18:05
Saturday, July 25, 2026
ޚަބަރު

އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަނީ

ހޯމް މިނިސްޓަރު އަލީ އިހުސާން - ފޮޓޯ: ރައީސް އޮފީސް

ހޯމް މިނިސްޓަރު އަލީ އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެއްދުމަށް އިދިކޮޅު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މިއަދު ނިންމައިފި އެވެ.

ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފު ޒާކިރު ވިދާޅުވީ އެތައް ހާސް ރައްޔިތުންގެ ޒާތީ މައުލޫމާތު ހިމެނޭ ޑީއެންއާރް ޑޭޓާބޭސް ބޭނުންކޮށްގެން ޕީއެންސީ އަށް މެންބަރުން އިތުރުކުރަން މަސައްކަތްކޮށްފައިވާތީ އާއި އިހުސާންގެ މައްޗަށް ތުހުމަތު ކުރެވޭ އެތައް ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތިވަމުންދާތީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން ނިންމާފައިވާ ކަމަށެވެ.

ސަރުކާރު ހިންގާ، ޕީއެންސީގެ މެމްބަރުންގެ އަދަދު އިތުރުކުރަން ވަގު ފޯމްތަކެއް ހުށަހެޅި މައްސަލައެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައި، ފޯމުތައް ފުރުމުގެ ކަންކަން އިހުސާންގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިޔަ ކަމަށް ބުނާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި މިއަދު ވަނީ އާންމުވެފަ އެވެ.

މިކަމާ ގުޅިގެން އިހުސާން މިހާތަނަށް ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.

ޕީއެންސީން އޮޅުވާލައިގެން މީހުން އެ ޕާޓީ އަށް ވައްދާ މައްސަލަ ބޮޑުވެ، އެކަން މިހާރު އޮތީ ބައެއް ޕާޓީތަކުން އިލެކްޝަން ކޮމިޝަނާއި ފުލުހުންގެ ސަމާލު ކަމަށް ވެސް ގެނެސްފަ އެވެ.

ޕީއެންސީން އަންނަނީ 100،000 މެންބަރުން ހަމަކުރަން މަސައްކަތް ކުރަމުންނެވެ. އެ ޕާޓީން ބުނީ އެ އަދަދަށް މެންބަރުން ހަމަކުރާ ފުރަތަމަ ޕާޓީ އަށް ވާނެ ކަމަށެވެ.