Last Updated: May 10, 20:45
Saturday, May 10, 2025
ދުނިޔެ

ބައިޑެން މިއަދު ވައިޓް ހައުސް ދޫކޮށްލަނީ

އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑެންގެ ދައުރު ނިންމާލަން ކުޑަތަންވުމާ ގުޅިގެން އޭނަ މިއަދު ވައިޓް ހައުސް ދޫކޮށްލައްވާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނީ މިއަދު ވައިޓް ހައުސް އަށް އަލްވަދާއު ވިދާޅުވެވަޑައިގަތުމުގެ ކުރިން ފަހު ފަހަރަށް އެތަނުގެ މުވައްޒަފުންނާ އޭނަ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަން ވެސް ހަމަޖެހިފައިވާ ކަމަށެވެ.

ކުރިން އެމެރިކާގެ ނައިބު ރައީސްކަން ވެސް ކުރެއްވި ބައިޑެން އެ ގައުމުގެ ރައީސްކަމާ ހަވާލުވެވަޑައިގަތީ ޖެނުއަރީ 20، 2021 ގަ އެވެ.

އޭނަ ރައީސް ކަމަށް ވަޑައިގެންނެވީ ވެރިކަމުގެ ހުވާ އަލުން ކުރައްވަން މިހާރު ތައްޔާރުވެވަޑައިގަންނަވަމުން ގެންދަވާ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ވާދަކުރައްވަ އެވެ. މިހާރު އުމުރުން 82 އަހަރުގެ ބައިޑެން އަކީ ވެރިކަމުގެ ދެވަނަ ދައުރަކަށް ވެސް މިދިޔަ އަހަރު ޑިކޮމްރެކްޓިކް ޕާޓީގެ ހޮވުމެވެ.

ނަމަވެސް އޭނަ އުމުރުން ދުވަސްވުމާއި ސިއްހީ ހާލަތާ މެދު ހުރި ކަންބޮޑުވުންތަކާ ގުޅިގެން ޕާޓީގެ ތެރެއިން ކުރިމަތިވެވަޑައިގަތް ފިއްތުންތަކާ ހެދި ރިޔާސީ ޓިކެޓް ޖެހިވަޑައިގަތީ ދޫކޮށްލައްވާށެވެ. އެހެންވެ ޑިމޮކްރެކްޓިކް ޕާޓީގެ ފަރާތުން ނޮވެމްބަރު 6 ގައި ބޭއްވި އިންތިހާބުގައި ވާދަކުރެއްވީ ނައިބު ރައީސް ކަމަލާ ހެރިސް އެވެ.

ނަމަވެސް ޓްރަމްޕް ވަނީ ބޮޑު ތަފާތަކުން ކަމަލާ ބަލިކުރައްވައި، އަލުން ވެރިކަމަށް ހޮވިވަޑައިގެންފަ އެވެ. އޭނަ މަގާމުގެ ހުވާ ކުރައްވާނީ މި މަހުގެ 20 ގަ އެވެ. އެކަމުގެ ތައްޔާރީތައް ދަނީ ކުރިއަށެވެ.

ބައިޑެން ވައިޓް ހައުސް އަށް އަލްވަދާއު ކިޔުއްވާ އިރު، އޭނަ އަކީ އެމެރިކާގެ 46 ވަނަ ރައީސެވެ.

ދާދި ފަހުން ދެއްވި އިންޓަވިއުއެއްގައި ބައިޑެން ވަނީ އޭނަ އަށް އިންތިހާބުގައި ވާދަކުރެއްވުނު ނަމަވެސް ޓްރަމްޕް ބަލިކުރެއްވުނީސް ކަމަށް ވިދާޅުވެފަ އެވެ.