އަންނަ މަހުގެ 15 އިން ން ފެށިގެން ސިޔާސީ ޕާޓީތަކުގެ މެމްބަރަކަށް ވެވޭނީ އީ-ފާސް މެދުވެރިކޮށް ފޯމް ހުށަހަޅައިގެން ކަމަށް އިލެކްޝަންސް ކޮމިޝަން އީސީ) އިން ބުނެފި އެވެ.
ވެރިކަން ކުރާ ޕާޓީ، ޕީއެންސީ އަށް ވަގަށް މީހުން ވައްދާ މައްސަލަ ބޮޑުވެފައި ވަނިކޮށް އީ-ފާސް މެދުވެރިކޮށް ފޯމް ހުށަހަޅައިގެން ޕާޓީތަކަށް ވަދެވޭ ގޮތަށް އީސީން ނިންމި ވަގަށް ޕާޓީތަކަށް މީހުން ވެއްދުން ހުއްޓުވަން އަޅާ ފިޔަވަޅެއްގެ ގޮތުގަ އެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި އީސީގެ މެމްބަރު ހަސަން ޒަކަރިއްޔާ ވިދާޅުވީ އޮޅުވާލައިގެން ޕާޓީތަކުގެ ދަފުތަރުގައި މީހުން ރަޖިސްޓްރީކުރުން ނިމުމަކަށް ގެނެވޭނީ އީ-ފާސް މެދުވެރިކޮށް ޑިޖިޓަލްކޮށް ފޯމު ހުށައަޅައިގެން ކަމަށެވެ. އޭން ވިދާޅުވީ އެ ކޮމިޝަންގެ ގިނަ ހިދުމަތްތަކަކަށް އީ-ފާސް މެދުވެރިކޮށް އެދެވޭ ގޮތް ހެދުމުން ނޭނގި ރީ-ރަޖިސްޓްރީކުރުންފަދަ އެތައް މައްސަލައެއް މީގެކުރިން ހައްލު ވެސް ކޮށްފައިވާ ކަމަށެވެ.
"ސަތޭކަ އިންސައްތަ ޔަގީންކަން ދެން އެއްވެސް ރައްޔިތެއްގެ ނަމުގައި އޮޅުވާލައިގެން ފޯމު ހުށަހެޅުމުގެ ދޮރު ބަންދުވާނެ އީ-ފާސްގެ ސަބަބުން. ވެރިފައިޑް އެކައުންޓަކުން ނޫން ގޮތަަކަށް ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ދެން ނުވެވޭނެ،" ޒަކަރިއްޔާ ވިދާޅުވި އެވެ. "ބަޔޯމެޓްރިކް ޑޭޓާ އާއި އައިޑީކާޑު ވެރިފައިޑް އެކައުންޓަކުން ނޫން ގޮތަކަށް ޕާޓީ މެންބަރަކަށް ނުވޭނެ."
މިހާރު ހުށަހަޅާ ކަރުދާސް ފޯމު ބަލައިގަންނާނެ އެންމެ ފަހު ތާރީހަކީ މި މަހުގެ 30 ކަމަށް އޭނަ ވިދާޅުވި އެވެ.
މީހުންގެ އައިޑީގެ ކާޑު ފޯޖްކޮށްގެންނާއި ޕިންފަ ޕްރިންޓްކޮށްގެން ޕީއެންސީ އަށް މީހުން ވެއްދި މައްސަލަ އީސީ އާއި ފުލުހުން ވެސް އަންނަނީ ބަލަމުންނެވެ.