Last Updated: July 25, 18:05
Saturday, July 25, 2026
ޚަބަރު

އިހުސާން އިސްތިއުފާ ދެއްވަން ޑިމޮކްރެޓްސް އިން ގޮވާލައިފި

ހޯމް މިނިސްޓަރު އަލީ އިހުސާން - ފޮޓޯ: ރައީސް އޮފީސް

ހޯމް މިނިސްޓަރު އަލީ އިހުސާން މަގާމުން އިސްތިއުފާ ދެއްވަން ދަ ޑިމޮކްރެޓްސް އިން ގޮވާލައިފި އެވެ.

ޑިމޮކްރެޓްސް އިން މިކަމަށް ގޮވާލާފައިވަނީ ސަރުކާރު ހިންގާ ޕީއެންސީގެ މެމްބަރުންގެ އަދަދު އިތުރުކުރަން ވަގު ފޯމްތަކެއް ހުށަހެޅި މައްސަލައެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައި، ފޯމުތައް ފުރުމުގެ ކަންކަން އިހުސާންގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިޔަ ކަމަށް ބުނާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި މިއަދު އާންމުވުމުންނެވެ.

އެކަމާ ގުޅިގެން ޑިމޮކްރެޓްސް އިން ނެރުނު ބަޔާނެއްގައި ބުނީ މިއީ ހޯމް މިނިސްޓަރުގެ ބެލުމުގެ ދަށުން ރޭވިގެން ހިންގާފައިވާ ކުށުގެ އަމަލެއް ކަމަށް ވިޔަސް ނުވަތަ ވަޒީރުގެ ޒިންމާއާއި މަސްއޫލިއްޔަތު އަދާނުކުރެއްވުމުގެ ސަބަބުން ހިންގާފައިވާ އަމަލެއް ކަމަށް ވިޔަސް، އެކަމުގެ ސަބަބުން ހޯމް މިނިސްޓަރު މަގާމުން އިސްތިއުފާ ދެއްވަންޖެހޭ ވަރުގެ ސަބަބެއް ކަމަށް ދެކޭ ކަމަށެވެ.

ދައުލަތުން މުސާރަ ލިބޭ ސިޔާސީ މުވައްޒަފުން، ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑީގައި، ދާޚިލީ ވުޒާރާގެ ދަށުން ހިންގާ ޑީއެންއާރުގައި ހުރި އާންމު ރައްޔިތުންގެ ޒާތީ މައުލޫމާތު ވަގަށް ނަގައިގެން، އަމިއްލަ ޒާތީ ސިޔާސީ މަންފާއަށް ބޭނުން ކުރުމަކީ ފައިސާތަކެއް ވަގަށް ނެގުމަށްވުރެ، މި ޒަމާނަށް ބަލާއިރު ނުރައްކާތެރިކަން ބޮޑު ޚިޔާނާތެއް ކަމަށް ޑިމޮކްރެޓްސް އިން ބުންޏެވެ.

ޑިމޮކްރެޓްސް އިން ބުނީ ރައްޔިތުންގެ ޒާތީ މައުލޫމާތު ބަލަހައްޓާ ފަރާތުގެ އަމާނާތްތެރިކަމާއި ނަޒާހަތްތެރިކަން ގެއްލިގެން ދިއުމަކީ ނިޒާމު ފޫދިއުން ކަމަށެވެ. އަދި ފުލުހުންނާއި ކުށްވެރިންގެ ކަންކަން ބެލެހެއްޓުމާއި ޒާތީ މުއާމަލާތްތަކާއި މުވާސަލާތު ފަދަ ހައްސާސް މަސައްކަތާއި ހަވާލުވެހުރުމުގެ މޯރަލް އޮތޯރިޓީ ނުވަތަ އަހުލާގީ ފެންވަރު އިހުސާންގެ ކިބައިން ގެއްލިފައިވާ ކަމަށްވެސް އެ ޕާޓީން ވަނީ ބުނެފަ އެވެ.

މީގެއިތުރުން އެ ޕާޓީން ވަނީ އިހުސާން މަގާމުން ދުރުކޮށް، މިކަން ސީރިއަސް ޖިނާއީ މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަން ފުލުހުންނަށް ގޮވާލާފަ އެވެ.