އިޒްރޭލުން ފަލަސްތީނުގެ ގާޒާއަށް ދެމުން ގެންދާ ހަމަލާތައް ހުއްޓާލުމުން، ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ 15 މަސް ފަހުން ހަމަލާތައް ހުއްޓާލަން އެއްބަސްވި ހަބަރާއެކު ހިތްހަމަޖެހުން ލިބިވަޑައިގަންނަވާ ކަމަށާއި މި ނިންމުމަށް ވާސިލުވާން އެހީތެރިކަން ފޯރުކޮށްދިން ގައުމުތަކުން ކުރި މަސައްކަތްތައް ރާއްޖެއިން ބަލައިގަންނަ ކަމަށެވެ.
ރައީސް ވަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ދެމެހެއްޓުމަށާއި، ގާޒާ ދޫކޮށް ގޮސްފައިވާ މީހުން އެނބުރި ގައުމަށް އާދެވޭނެކަން ކަށަވަރުކުރުމާއެކު އިންސާނީ އެހީ ފޯރުކޮށްދިނުމަށް ބައިނަލްއަގުވާމީ މުޖުތަމައު އަށް ގޮވާލާފަ އެވެ.
މީގެއިތުރުން ފަލަސްތީނު އަލުން އާބާދުކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް ރައީސް ގޮވާލެއްވި އެވެ.
ގަތަރު މެދުވެރިއެއްގެ ދައުރު އަދާކޮށްގެން ކުރިއަށްގެންދިޔަ މަޝްވަރާތަކުގައި އެކުލަވާލި އެއްބަސްވުމުގައި، ހަމަލާތައް ހުއްޓާލުމުގެ އިތުރުން ހަމާސް އިން ރަހީނުކޮށްފައިވާ އިޒްރޭލު މީހުން މިނިވަން ކުރުން ވެސް ހިމެނެ އެވެ. އަދި އިޒްރޭލުން ހައްޔަރުކޮށްފައިވާ ފަލަސްތީނު ރައްޔިތުން ވެސް މި އެއްބަސްވުމުގެ ދަށުން މިނިވަން ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
އިޒްރޭލުން ފަލަސްތީނަށް ހަމަލާދޭން ފެށީ 2023 ވަނަ އަހަރު އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ކަމަށްވާއިރު، އެ ހަމަލާތަކުގައި ގާޒާ އިން 46،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެ، 109،378 މީހަކަށް އެކި ވަރުގެ އަނިޔާތައް ވަނީ ލިބިފަ އެވެ.
ހަނގުރާމައިގެ ސަބަބުން ގާޒާގެ 85 ޕަސެންޓު މީހުން ގެދޮރު ދޫކޮށް ގޮސްފައިވާއިރު، ގާޒާގެ ބައި މިލިއަނެއްހާ މީހުން ބަޑުހައިހޫނުކަން އަންނަނީ ތަހައްމަލު ކުރަމުންނެވެ.