Last Updated: July 25, 18:05
Saturday, July 25, 2026
ޚަބަރު

"ފްލޯޓިން ސިޓީ" މަޝްރޫއަށް އެސްޓޯނިއާގެ ޝައުގު

ރާއްޖޭގެ "ފްލޯޓިން ސިޓީ" މަޝްރޫއަށް އެސްޓޯނިއާ އިން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.

ފްލޯޓިން ސިޓީ މަޝްރޫއަށް އެސްޓޯނިއާ އިން ޝައުގުވެރިކަން ފާޅުކޮށްފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެސްޓޯނިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ޓާރްޓޫގެ މޭޔަރު އަރްމަސް ކްލާސް ދެއްވި ފަރިއްކޮޅެއްގައި ބައިވެރިވެވަޑައިގެން ކުރެއްވި މަޝްވަރާގަ އެވެ.

އެ ފަރިއްކޮޅުގައި ދެ ގައުމުގެ ދޭދޭ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުންނާއި، އެކުގައި މަސައްކަތްކުރެވޭނޭ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައި، ރާއްޖެ އާއި އެސްޓޯނިއާއާ ގުޅޭ ތަފްސީލުތައް ބައިވެރިން ހިއްސާކުރައްވާފައިވެ އެވެ.

ޓާރްޓޫގެ މޭޔަރު އަރްމަސް ކްލާސް އާއި ފަރިއްކޮޅުގެ ބައިވެރިން ވަނީ، ރާއްޖޭގެ "ފްލޯޓިން ސިޓީ" މަޝްރޫއާ މެދު ޝައުގުވެރިކަން ފާޅުކުރައްވާފަ އެވެ. ރައީސް މުއިއްޒު، އެ މަޝްރޫއު ފަރުމާކުރައްވާފައިވަނީ ދެމެހެއްޓެނިވި ގޮތެއްގައި ކަމާއި، އޭގެ ސަބަބުން ދިވެހިންނަށް ލިބޭނެ ފައިދާ އާއި، މޫސުމީ ބަދަލުތަކަށް ވިލުންތެރި އާބަން ތަރައްގީގެ ނަމޫނާއެއްގެ ގޮތުގައި އެ ސިޓީ ވެގެންދިއުމަށް އޮތް ފުރުސަތުގެ މައްޗަށް ރައީސް އަލިއަޅުއްވާލެއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި އެސްޓޯނިއާގެ ސަގާފަތާއި މުއްސަނދި ތާރީހާއި، ތަރިކަ އަދި އާބާދީގެ ޑައިނެމިކްސްގެ އިތުރުން އެ ގައުމުގެ މުސްކުޅިވަމުން އަންނަ އާބާދީއަށް ހުރި ގޮންޖެހުންތަކާ މެދުވެސް މަޝްވަރާކުރައްވާފައިވެ އެވެ.

މީގެއިތުރުން ރައީސް ވަނީ، އެސްޓޯނިއާގެ އެހީތެރިކަން ބޭނުންވާ ދާއިރާތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ. އެގޮތުން އާންމު ހިދުމަތްތަކާއި، ތައުލީމާއި، އިއާދަކުރަނިވި ހަކަތައިގެ ދާއިރާ ކުރިއެރުވުމުގައި އިސްކޮށްފައިވާ ޑިޖިޓަލް އީޖާދާއި، އީ-ގަވަނަންސްގެ އެހީގައި ގައުމީ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި ހޯދާފައިވާ ކުރިއެރުމުގެ އަލީގައި އެހީތެރިކަން ބޭނުންފުޅުވާކަން ފާހަގަކުރެއްވި އެވެ.