އައްޑޫ އިންޖީނުގެ ހިންގުން ކައުންސިލާ ހަވާލުކޮށްފި ނަމަ ރަނގަޅަށް ހިންގާލާނެ ކަމަށް، ހިތަދޫ ހިތަދޫ ކޮރޮވައު ދާއިރާގެ ކައުންސިލް މެންބަރު އިބްރާހީމް ޝިނާޒު ވިދާޅުވެއްޖެ އެވެ.
އައްޑޫގައި ޔޫޓިލިޓީސް ހިދުމަތްދޭން ކުންފުންޏެއް ހަދަން ސަރުކާރުގައި އެދުމަށް ހުށަހެޅި މައްސަލާގައި ވާހަކަދައްކަމުން ޝިނާޒު ވިދާޅުވީ އައްޑޫގެ ކަރަންޓުގެ ހާލަތު މިވަގުތު އޮތީ ވަރަށް ނާޒުކު ހާލަތެއްގައި ކަމަށާއި ކުރިއަށް އޮތީ ރޯދަ މަސް ކަމަށްވާ އިރު، ރައްޔިތުންނަށް ފުރިހަމަ އަށް ކަރަންޓު ދެވޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތް ކަމަށެވެ.
މިފަދަ އަސާސީ ހިދުމަތްތައް ލިބޭނެކަން ޔަގީންކުރުމުގެ ޒިންމާ އޮތީ ކައުންސިލުގެ ބޮލުގައި އެޅިފައި ކަމަށާއި ސަރުކާރުން މިހާރުވެސް އައްޑޫ އިންޖީނުގެ ހިންގުން ކައުންސިލާއި ހަވާލުކޮށްފި ނަމަ މިއަށް ވުރެ ރަނގަޅު އަގެއްގައި ހިދުމަތް ފޯރުކޮށް ދޭނެ ކަމަށް ޝިނާޒު ވިދާޅުވި އެވެ.
"އަޅުގަނޑު ޔަގީންކަން އައްޑޫ ރައްޔިތުންނަށް ދޭން ބޭނުން، މިވަގުތު ވެސް އައްޑޫގެ އިންޖީނުގެ ހަވާލުކޮށްފި ނަމަ ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި މިއަށް ވުރެ ރަނގަޅު އަގެއްގައި، އައްޑޫ ރައްޔިތުންނަށް ކަރަންޓު ފޯރުކޮށް ދެވޭނެ ކަމުގެ ޔަގީންކަން އެބައޮތ،" އޭނަ ވިދާޅުވި އެވެ. "މިއީ ރޮކެޓް ސައިންސެއް ނޫން. މިކަން ވާނެ ކަމުގެ ޔަގީންކަން އެބައޮތް."
ޝިނާޒް ވިދާޅުވީ މިކަމުގެ އެންމެ ރަނގަޅު އެއް ހެއްކަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ސަދަން ޔޫޓިލިޓީސްގެ ނަމުގައި ކުންފުންޏެއް އުފައްދައިގެން ހިދުމަތް ދިން ދުވަސްވަރު ކަމަށާއި އޭރު ރައްޔިތުންނާއި ގާތުން މާ ރަނގަޅަށް ހިދުމަތް ފޯރުކޮށް ދެވުނު ކަމަށެވެ.
އައްޑޫގެ ޔޫޓިލިޓީސް ހިދުމަތް ދޭން ވަކި ކުންފުންޏެއް ހެދިގެން ދިޔުމަކީ ދެކެން ބޭނުންވާ ދުވަހެއް ކަމަށާއި މި ވާހަކަތައް ކުރީ ސަރުކާރުގެ ދުވަސްވަރު ވެސް ދެއްކި ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެއިތުރުން ޝިނާޒު ވަނީ ފެނަކަ އަށް އައްޑޫގައި ހިންގާ އޮޕަރޭޝަން މެދުވެރިކޮށް 7 މިލިއަން ރުފިޔާގެ ފައިދާއެއް ލިބޭއިރު ވެސް ރައްޔިތުންނަށް ހިދުމަތް ނުދެވުމަކީ ބަލައިގަންނާނެ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވެފަ އެވެ.