Last Updated: July 18, 20:16
Friday, July 18, 2025
ކުޅިވަރު

ޓޮޓެންހަމް ބަލިކޮށް އާސެނަލުން ފަރަގު ކުޑަކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓެންހަމް 2-1 އިން ބަލިކުރުމަށްފަހު އާސެނަލުން، ލީގުގެ އެއްވަނައިގައި އޮތް ލިވަޕޫލްއާ ދެމެދު އޮތް ފަރަގު ކުޑަކޮށްފި އެވެ.

މި މޮޅާއެކު ލީގުގެ ދެވަނައިގައި އާސެނަލް އޮތީ 21 މެޗުން 43 ޕޮއިންޓު ހޯދައިގެންނެވެ. އެއްވަނައިގައި ލިވަޕޫލް އޮތީ 20 މެޗުން 47 ޕޮއިންޓު ހޯދައިގެންނެވެ.

އާސެނަލްގެ ދަނޑުގައި ކުޅުނު މި މެޗުގެ 25 ވަނަ މިނެޓްގައި ސޮން ވަނީ ޓޮޓެންހަމަށް ލީޑު ނަގައިދީފަ އެވެ. މިއީ އާސެނަލްގެ އޭރިއާގެ ބޭރުގައި ހުރެ ސޮން ފޮނުވާލި ހަމަލާއެއް އާސެނަލްގެ ކުޅުންތެރިއެއްގެ ފައިގައި ޖެހިފަ އެވެ. ނަމަވެސް މެޗުގެ 40 ވަނަ މިނެޓްގައި އާސެނަލުން ވަނީ ނަތީޖާ އެއްވަރުކޮށްފަ އެވެ. މިއީ ޓޮޓެންހަމްގެ ފޯވާޑް ޑޮމިނިކް ސޮލާންކޭ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.

އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން އާސެނަލުން އުފެއްދި ކައުންޓަ އެޓޭކެއްގައި ލިއަންޑްރޯ ޓްރޮސާޑް ވަނީ އެޓީމަށް ލީޑު ނަގައިދީފަ އެވެ. މިއީ ޓޮޓެންހަމްގެ އޭރިއާ ތެރެއަށް ވަދެ ގޯލުގެ ތިރީ ކަނަށް ބޯޅަ އަމާޒުކޮށްލައިގެން ކާމިޔާބުކުރި ގޯލެކެވެ.

ދެވަނަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވި ނަމަވެސް، މި ހާފުގައި ވެސް އާސެނަލުން ވަނީ ޓޮޓެންހަމްގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފަ އެވެ.

މި މެޗުން ބަލިވުމުން ޓޮޓެންހަމް އޮތީ 21 މެޗުން ލިބުނު 24 ޕޮއިންޓާއެކު ލީގުގެ 13 ވަނައިގަ އެވެ.