މި ދައުރަށް ފަހު މި ސަރުކާރު ދާންޖެހޭނީ ގެޔަށް ކަމަށް، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހާއި ގުޅޭގޮތުން "ޗެނަލް13"ގައި ރޭ ވާހަކަދައްކަމުން އުމަރު ވިދާޅުވީ މި ސަރުކާރުގައި ތިއްބެވި ބޭފުޅުން އިއްޔެ ދެއްކި ވާހަކަތަކާއި މިއަދު އަމަލުކުރާ ގޮތް ފެނުމުން ބަސް ހުއްޓޭ ކަމަށާއި، އެ ބޭފުޅުން މިއީ މާބޮޑު ކަމެއް ކަމަށް ހީފުޅުނުކުރެއްވި ނަމަވެސް، އިންތިހާބެއް އައުމުން އޭގެ ނަތީޖާ ފެންނާނެ ކަމަށެވެ.
"އިންތިހާބަކާ ހަމައަށް އައީމަ ހަމަ އޮރިޔާން ވާނީ. ފަސް އަހަރުކޮށްފައި ގެޔަށް ދާންޖެހޭނީ. ޖަލަށް ނުލީއްޔާ ވެސް ރަނގަޅު ދެން އަންނަ ސަރުކާރަކުން މި މީހުން،" އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ މިހާ ބޮޑަށް ދޮގު ހަދައިގެން އަދި މިހާ ބޮޑު އޮޅުވާލުމެއްގެ ތެރެއިން ވެރިކަމަށް އައި ބަޔަކު ފަހުގެ ތާރީހެއްގައި ދުނިޔެއިން ވެސް އަދި ފެނިފައި ނުވާ ކަމަށެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ވުމުން ޕީޕީއެމް އޮފީސްތެރޭގައި އެކަކު އަނެކަކަށް ބައްދައި، ރޮއި ހެދި ވީޑިއޯތައް މިހާރުވެސް ސޯޝަލް މީޑިއާގައި އެބަހުރި ކަމަށާއި ނަމަވެސް މި ސަރުކާރުން މިއަދު މަސައްކަތް ކުރަނީ ޔާމީނަށް އިތުރު ހުކުމެއް ޖެހުމުގެ މަސައްކަތް ކަމަށް އުމަރު ވިދާޅުވި އެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ރައީސް ޔާމީންގެ މައްޗަށް އަނެއްކާވެސް ޖަހާނެ ހުކުމް. މިފަހަރު ޖަހާނީ މި ބޭފުޅުން،" އުމަރު ވިދާޅުވި އެވެ.
މީގެއިތުރުން އުމަރު ވަނީ މި ސަރުކާރުގައި މުޅިންވެސް އޮތީ ވައްކަމާއި ކޮރަޕްޝަން ކަމަށާއި މިކަން ހިނގަމުން އަންނަނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެސް ބައި އެޅިގެން ކަމަށް ވިދާޅުވެފަ އެވެ.