ތިނަދޫގެ ބަނދަރުމަތީގައި މިދިޔަ އަހަރު ބެހެއްޓި މޮނިއުމަންޓެއް ހެދުމުގައި މޭޔަރު ސަޢުދު އަލީ ކޮރަޕްޝަނުގެ އަމަލެއް ހިންގި ކަމަށް ތުހުމަތުކޮށް، އެންޓިިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.
މި މައްސަލަ އިއްޔެ އޭސީސީ އަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެކެވެ.
މެންބަރުގެ ސިޓީގައި ވިދާޅުވެފައި ވަނީ ތިނަދޫގެ ބަނދަރުގައި މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ބެހެއްޓި މޮނިއުމަންޓު ހެދުމަށް ވާއްޓޭ އިންވެސްޓުމަންޓަށް ނޭނގި، އެ އިންވެސްޓުމަންޓްގެ ނަމުގައި ބިޑު ނަގައިގެން އެ މަސައްކަތް ތިނަދޫ ސިޓީ ކައުންސިލްގެ މުވައްޒަފުން ލައްވައި ކުރުވާފައިވާ ކަމަށެވެ. އެގޮތުން އެ މޮނިއުމަންޓުގެ މަސައްކަތް ތިނަދޫ ފުލެޓުތައް ކައިރީ އޮންނަ ކައުންސިލްގެ ބިމެއްގައި ކުރުވި ކަމަށާއި ވާއްޓޭ އިންވެސްޓްމަންޓުގެ ނަމުގައި ބިލުކޮށްގެން އެ އިންވެސްޓުމަންޓުގެ ލިޔުމެއް ނެތި އެހެން ފަރާތެއްގެ އެކައުންޓަށް މަސައްކަތުގެ ޕޭމަންޓު ޖަމާކޮށްފައިވާ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
ސިޓީގައި ބުނީ، ކައުންސިލްގެ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އެކައުންޓުން އެ ޕޭމަންޓު ޖަމާކޮށްފައި ވަނީ ޝޮމާސާ އިންވެސްޓުމަންޓްގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓަކަށް ކަމަށެވެ. އަދި ޝޮމާސާ މޭޔަރު ސައުދުގެ ނަމުގައި އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއް ކަމަށް ސިޓީގައި ބުނެފައިވެ އެވެ.
ޝޮމާސާ އިންވެސްޓުމަންޓަށް ފައިސާ ޖަމާކުރި ސްލިޕާއި އެ ކުންފުންޏަކީ މޭޔަރުގެ އިންވެސްޓުމަންޓެއްކަން ސާބިތުކޮށް ދޭން ސިޓީއާ އެކު ލިޔުން އޭސީސީއަށް ފޮނުވާފައިވެ އެވެ.
އެހެންވެ މި މައްސަލަ ބަލައި ދޭން އެދިފައިވެ އެވެ.