އަޖޭ ދޭވްގަންގެ "ސަން އޮފް ސަރުދާރު 2" މި އަހަރުގެ ޖުލައި 25 ގައި ރިލީޒްކުރަން ނިންމައިފި އެވެ.
މި ފިލްމަކީ މިދިޔަ އަހަރު ޝޫޓިން ނިންމައި، މިހާރު ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގައި އޮތް ފިލްމެޖެވެ. "ސަން އޮފް ސަރުދާރު" އަކީ ޑައިރެކްޓަރު އަޝްވިނީ ދީރް 2012 ގައި އަޖޭ އާއި ސޮނާކްޝީ ސިންހާއާ އެކު ގެނެސްދިން އެކްޝަން ކޮމެޑީގެ ސީކްއެލް އެވެ.
ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު އެ ފިލްމުގެ ކާސްޓްގައި ސަންޖޭ ދަތާއި ޖޫހީ ޗާވްލާ ވެސް ހިމެނެ އެވެ.
ނަމަވެސް "ސަން އޮފް ސަރުދާރު 2" ވިޖޭ ކުމާރު އަރޯރާ ޑައިރެކްޓްކޮށްފައިވާ އިރު، މި ފަހަރު ފިލްމުގެ ލީޑް ބަތަލާ އަކީ މުރްނާލް ތާކޫރެވެ. އަދި ސަންޖޭ ވެސް ހިމެނޭ މި ފިލްމުން ބޮޑު ކާސްޓެއް ފެންނާނެ އެވެ.
އަޖޭގެ "ސަން އޮފް ސަރުދާރު 2" ޖުލައިގައި ގެނެސްދޭން ނިންމި އިރު، އޭނަގެ މި އަހަރުގެ ފުރަތަމަ ފިލްމަކީ މާދަމާ ސިނަމާތަކަށް ގެންނަ ޑައިރެކްޓަރު އަބީޝެކް ކަޕޫރްގެ "އާޒާދު" އެވެ. މި އަހަރު ރިލީޒްކުރާނެ އަޖޭގެ ފިލްމުތަކުގައި ދެން ވެސް އޮތީ އޭނަ ކުރީގެ ދެ ފިލްމެއް ސީކްއެލްތަކެވެ. އެއީ 2018 ގެ "ރެއިޑް" ގެ ސީކްއެލް އާއި 2019 ގެ "ދޭ ދޭ ޕިޔާރު ދޭ" ހެ ސީކްއެލް އެވެ.
"ރެއިޑް 2" ސިނަމާތަކަށް ގެންނަން އޮތީ މެއި 1 ގަ އެވެ. އަދި "ދޭ ދޭ ޕިޔާރު ދޭ 2" ރިލީޒްކުރާނީ ނޮވެމްބަރު 14 ގަ އެވެ.
މިދިޔަ އަހަރު ވެސް އަޖޭގެ ފަސް ފިލްމެއް ރިލީޒްވި އެވެ.