Last Updated: July 25, 18:05
Saturday, July 25, 2026
ޚަބަރު

ވަގު ފޯމު މައްސަލަ އޭސީސީ އާއި ޕޮލިހަށް

ވެރިކަން ހިންގާ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ވަގު ފޯމު ފުރައިގެން މީހުން ވެއްދި މައްސަލައިގައި ހިމެނޭ ޖިނާއީ ކުށްތައް ތަހުގީގުކޮށްދޭން އެމްޑީޕީން އޭސީސީ އާއި ފުލުހުންނަށް މައްސަލަ ހުށަހަޅައިފި އެވެ.

އެމްޑީޕީން ބުނީ ރައްޔިތުންގެ ޒާތީ މައުލޫމާތުން ވައްކަންކޮށް، ވަގު ފޯމު ފުރައިގެން ސަރުކާރު ހިންގާ ޕީއެންސީއަށް ވެއްދި މައްސަލާގައި ހިމެނޭ ޖިނާއީ ކުށްތައް ތަހުގީގު ކުރުމަށް ފުލުހުންނާއި އޭސީސީއަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މި މައްސަލަތައް ތަހުގީގު ކުރުމަށް އެ ދެ އިދާރާގެ މައްޗަށް އަމުރުކޮށްދޭން އެދި ޕީޖީގައި ވެސް އެދިފައިވާނެ ކަމަށް އެމްޑީޕީން ބުންޏެވެ.

މީގެ އިތުރުން، ޕީއެންސީން ހުށަހެޅި އެއްވެސް ފޯމެއް ޕްރޮސެސް ނުކުރުމަށާއި، ޕްރޮސެސް ކުރި ފޯމުތައް ކެންސަލްކޮށް، އެ ފޯމުތަކުގެ ސައްހަކަން އަލުން ކަށަވަރުކުރުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ސިޓީއެއް ފޮނުވާފައިވާނެ ކަމަށް އެމްޑީޕީން ބުނެ އެވެ.

ޕީއެންސީގެ މެމްބަރުންގެ އަދަދު އިތުރުކުރަން ވަގު ފޯމްތަކެއް ހުށަހެޅި މައްސަލައެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައި، ފޯމުތައް ފުރުމުގެ ކަންކަން ހޯމް މިނިސްޓަރު އަލީ އިހުސާންގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިޔަ ކަމަށް ބުނާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އިއްޔެ ވަނީ އާންމުވެފަ އެވެ.

އެކަމާ ގުޅިގެން އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަަލަ މަޖިލީހަށް ވައްދަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ވަނީ ނިންމާފަ އެވެ.