Last Updated: July 16, 09:47
Thursday, July 16, 2026
މުނިފޫހިފިލުވުން

ސައިފަށް ހަމަލާ ދިން މީހާގެ ވީޑިއޯއެއް އާންމުކޮށްފި

އިންޑިއާގެ ފިލްމީ ތަރި ސައިފް އަލީ ޚާނަށް ތޫނު އެއްޗަކުން ހަމަލާދިން މީހާގެ ވީޑިއޯއެއް މުމްބާއީގެ ބަންޑްރާގެ ފުލުހުން މިރޭ އާންމުކޮށްފި އެވެ.

ސީސީޓީވީ ފުޓޭޖުން ނަގައިވާ އެ ވީޑިއޯގައި ފެންނަނީ އެ މީހާ ހަމަލާ އަށް ފަހު އިމާރާތުން ފައިބައިގެން ދާ ތަނެވެ. ނަމަވެސް އޭނަގެ ވަރުވަރު މިހާތަނަށް އަދި ހާމަކޮށްފައެއް ނުވެެ. އެ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.

މިއަދު މެންދަމު 2:30 އެހާކަށްހާ އިރު، ސައިފަށް ތޫނު އެއްޗަކުން ހަމަލާ ދިނީ އޭނަ އާއި އަންހެނުން ބަތަލާ ކަޕޫރާއި އެ މީހުންގެ ދެ ދަރިން އުޅޭ ފްލެޓް އިމާރާތުގެ 11 ވަނަ ބުރިއަށް ވައްކަން ކުރަން ވަނުމަށް ފަހު އެވެ. އެޕާޓްމަންޓަށް މީހަކު ވަދެގެން އުޅޭކަން އެނގިގެން ސައިފް ވަގުކަލޭގެއާ ކުރިމަތިލުމުން އޭނަ ވަނީ ތޫނު އެއްޗަކުން ސައިފްގެ ހަށިގަނޑުގެ ހަ ތަނަކަށް ހަމަލާ ދީ ފިލައިފަ އެވެ.

އެ ހާދިސާއާ ގުޅިގެން 50 އަހަރުގެ އެކްޓަރު މުމްބާއީގެ ލީލާވަތީ ހޮސްޕިޓަކަށް ގެންދިޔައީ ފަތިހު 4:00 ޖަހަން ގާތްވެފައި ވަނިކޮށެވެ. އަދި އޭނަ އަށް ލިބުނު އަނިޔާތަކާ ގުޅިގެން މިއަދު މެންދުރު ވަނީ ސާޖަރީއެއް ހަދައިފަަ އެވެ. އެ ސާޖަރީ ކާމިޔާބު ކަމަށާއި ސައިފްގެ ފުރާނަ އަށް ގެއްލުންވާ ވަރުގެ ގެއްލުމެއް ވެފައި ނެތް ކަމަށް ޑޮކްޓަރުންގެ ޓީމުން ބުނެފައިވެ އެވެ.

ސައިފަށް ދިން ހަމަލާއާ ގުޅިގެން ބޮލީވުޑްގެ ވަރަށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި އެ ހަމަލާ ކުށްވެރިކޮށް ސައިފަށް އަވަސް ޝިފާއަކަށް އެދިފައިވެ އެވެ.

ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ސައިފްމެންގެ އެޕާޓްމަންޓަށް ވައްކަންކުރަން ވަން މީހާ އެކީ އެ މީހުންގެ ނޯކަރަކާ ހިތާވެގެން އުޅޭ މީހެކެވެ. އަދި ވަގު އެޕާޓްމަންޓަށް ވަނީ ނޯކަރުގެ އެހީގައި ކަމަށް ވެސް މީޑިއާތަކުން ބުބެފައިވެ އެވެ.

ނަމަވެސް މިކަމާ ގުޅޭ ގޮތުން ފުލުހުންގެ ފަރާތުން ރަސްމީކޮށް އަދި އެއްވެސް އެެއްޗެއް ނުބުނެ އެވެ.