އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމަދު ޑިއާލޯގެ ހެޓްރިކުން މެންޗެސްޓާ ޔުނައިޓެޑުން 3-1 އިން ސައުތެމްޓަން ބަލިކޮށްފި އެވެ.
މި މޮޅާއެކު 21 މެޗުން ލިބުނު 26 ޕޮއިންޓާ އެކު ޔުނައިޓެޑް އޮތީ ލީގުގެ 12 ވަނައިގަ އެވެ. ސައުތެމްޓަން އޮތީ 21 މެޗުން ލިބުނު ހަ ޕޮއިންޓާއެކު ލީގުގެ ފުލުގަ އެވެ.
ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ، ފުރަތަމަ ހާފުގައި ރަނގަޅު ކުޅުމެއް ދެއްކި ސައުތެމްޓަނުންނެވެ. މިއީ މެޗުގެ 43 ވަނަ މިނެޓްގައި ޔުނައިޓެޑްގެ މިޑްފީލްޑަރު މަނުއަލް އުގާޓޭ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.
ދެވަނަ ހާފުގައި ޔުނައިޓެޑުން ކުރިއަށް ޖެހިލައިގެން ސައުތެމްޓަންގެ ފަހަތަށް ދިޔައީ ބާރުބޮޑު ކުރަމުންނެވެ. އެގޮތުން ޔުނައިޓެޑަށް ނަތީޖާ އެއްވަރުކޮށްދިން ޑިއާލޯ ކާމިޔާބުކޮށްދިނީ މެޗުގެ 82 ވަނަ މިނެޓްގަ އެވެ. އަދި މެޗުގެ 90 ވަނަ މިނެޓްގައި ޑިއާލޯގެ ގޯލުން ޔުނައިޓެޑުން ލީޑު ނެގިއިރު، މެޗުގެ އެންމެފަހު ވަގުތުކޮޅުތެރޭ ޔުނައިޓެޑްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ ޑިއާލޯ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ.
މި ހެޓްރިކާއެކު މި ސީޒަނުގައ ޑިއާލޯ ކާމިޔާބުކުރި ގޯލުގެ އަދަދު ވަނީ 9 އަށް އަރާފަ އެވެ.
މި ސީޒަނުގައި ޔުނައިޓެޑްގެ ކުރީގައި އެންމެ ރަނގަޅު ކުޅުމެއް ދައްކަމުންދާ ކުޅުންތެރިއަކީ ޑިއާލޯ ކަމަށްވާއިރު، ދާދިފަހުން އޭނާ ވަނީ ޔުނައިޓެޑްގެ ކޮންޓްރެކްޓް އިތުރު ފަސް އަހަރަށް އާކޮށްފަ އެވެ.
ލީގުގައި ޔުނައިޓެޑް ދެން ބައްދަލުކުރާނީ ބްރައިޓަންއާ އެވެ.