ދައުލަތުގެ މުދަލުން ތަނަވަސްކަން ހޯދުމަކީ ހަރާމް ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައި ވަނީ 'ބާތިލުގޮތުގައި މުދާ ކެއުން' މި މައުޟޫއުގެ މައްޗަށެވެ.
ހުތުބާގައި ބުނީ އިސްލާމްދީނުގައި މުދާ ހޯދުމަށާއި މުދާ ހޭދަކުރުމަށް ހަރުދަނާ ނިޒާމެއް ލައްވައިފައިވާ ކަމަށާއި އެހެން މީހުންގެ މުދަލަށް އަރައިގަތުން ޙަރާމްކޮށްފައިވަނީ އެހެންވެ ކަމަށެވެ. މުދަލަށް ޚިޔާނަތްތެރިވުމާއި، މުދާ ފޭރުމާއި، މުދަލުން ވައްކަންކުރުމާއި، ޓެކުމާއި، ރިޝްވަތު ނެގުމާއި ރިބާކެއުމާއި ޖުވާކުޅުން ފަދަ ކަންކަމުން މުދާ ހޯދުމަކީ ދީން މަނާކުރާ ކަންތައްތައް ކަމަށް ހުތުބާގައި ފާހަގަކޮށްފައިވެ އެވެ.
"ނުފޫޒާއި ބާރު ބޭނުންކޮށްގެން ނާޖާއިޒު ގޮތުގައި ޢާންމު ފަރުދުންގެ މުދަލުންނާއި ދައުލަތުގެ މުދަލުން ތަނަވަސްކަން ހޯދުމަކީ ޙަރާމް ކަމެކެވެ،" ހުތުބާގައި ބުންޏެވެ.
ބާޠިލު ގޮތުގައި ދައުލަތުގެ މުދާ ކެއުމުގެ ތެރޭގައި ފައިސާއާއި ތަކެތި ބަލަހައްޓާ މުވައްޒަފުގެ އަތުގައި ހުންނަ ފައިސާއާއި ތަކެތީގައި ޖެހުން ހިމެނޭ ކަމަށާއި މިއީ ޙަރާމް ކަމަކަށް ވުމުގެ އިތުރަށް މިއީ އަމާނާތަށް ޚިޔާނަތްތެރިމާއި މަކަރާއި ޙީލަތުގެ އަމަލެއް ކަމަށް ހުތުބާގައި ބުނެފައިވެ އެވެ.
ހުތުބާގައި ބުނީ ބާތިލު ގޮތުގައި މުދާ ކެއުމުގެ ތެރޭގައި ތިމާ ކުރަންޖެހޭ މަސައްކަތް ރަނގަޅަށް ނުކުރުމާއި މަސައްކަތުގެ ގަޑީގައި ވަގުތު ބޭކާރުކުރުން ހިމެނޭ ކަމަށެވެ. ކުރަންޖެހޭ މަސައްކަތްތައް ރަނގަޅަށް ކުރުމަކީ މީހާގެ އީމާންކަން ފުރިހަމަކަމުގެ އަލާމާތެއް ކަމަށާއި އެފަދަ މީހަކު ނަމަ އޮފީހަށް ގޮސް އެ ތަނުގެ މަސައްކަތާ ނުގުޅޭ ކަންކަމުގައި އޭނާ މަޝްއޫލުވެއެއް ނޫޅޭނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
އަދި އޭނާގެ މަސައްކަތް މާތްﷲ ބައްލަވައިވޮޑިގަންނަވާކަން ދަންނަ މީހާ، އޭނާ މަސައްކަތްކުރޭތޯ ވެރިމީހާ ބެލިޔަސް ނުބެލިޔަސް ބަރާބަރަށް އޭނާ މަސައްކަތްކުރާނެ ކަމަށް ޚުތުބާގައި ވަނީ ބުނެފަ އެވެ.
މީގެއިތުރުން ދައުލަތުގެ މުދަލަށް ޚިޔާނަތްތެރިވުމުގެ ތެރޭގައި ރިޝްވަތު ނެގުން ހިމެނޭ ކަމަށާއި ރިޝްވަތަކީ ވަރަށް ނުބައި ބައްޔެއް ކަމަށްވާއިރު އެއީ ކަންކަން ފާސިދުކުރާ ވަބާއެއް ކަމަށް ހުތުބާގައި ބުންޏެވެ. ރިޝްވަތަކީ ވަރަށް ތަފާތު ނަންނަމުގައި ވަރަށް ގިނަ ސިފަސިފައިގައި، މީހުން މަޅީގައި ޖެއްސުމަށާއި ބޭއިންސާފުން ކަންތައްތައް ކުރުވުމަށް ބޭނުންކުރާ ތޫނު ހަތިޔާރެއް ކަމަށާއި ދުނިޔެމަތީގައި އެކަމުގެ ޢުޤޫބާތުން ސަލާމަތްވި ނަމަވެސް އާޚިރަތުގެ ޢުޤޫބާތުން އެމީހާ ސަލާމަތް ނުވާނެ ކަމަށްވެސް ބުންޏެވެ.