ޝާހިދު ވަރަށް ވަރުގަދަ ފުލުހެއްގެ ރޯލު ކުޅެފައިވާ އެކްޝަން ތުރިލާ "ދޭވާ" ގެ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.
ގިނަ ބައެއްގެ ސަމާލުކަން މިހާރު ވެސް ވަރަށް ބޮޑަށް ޓްރެއިލާ އަށް ލިބިފައިވާ އިރު، ޔޫޓިއުބްގައި ޓްރެއިލާ އަށް ކޮމެންޓްކުރި ގިނަ މީހުން ބުނެފައި ވަނީ ފިލްމު ވަރަށް ޝައުގުވެރިވާނެކަމުގެ ކުލަވަރު ބޮޑު ކަމަށެވެ. އަދި މިއީ 2019 ގެ "ކަބީރް ސިންގް" އަށް ފަހު އަންނަ ޝާހިދުގެ އެންމެ ވަރުގަދަ ފިލްމު ކަމަށް ވެސް ބައެއް މީހުން ބުންޏެވެ.
މި މަހުގެ 31 ގައި ސިނަމާތަކަށް ދޫކޮށްލަން ހަމަޖެހިފައިވާ "ދޭވާ" އަކީ ޕްރޮޑިއުސަރު އަދިތިޔާ ރޯއި ކަޕޫރާއި ޒީ ސްޓޫޑިއޯސް ގުޅިގެން ގެނެސްދޭ ފިލްމެކެވެ. މީގެ ޑައިރެކްޓަރަކީ ރޯޝަން އެންޑްރޫސް އެވެ.
"ދޭވާ" ގައި ޝާހިދާ އެކީ ބަތަލާގެ ރޯލުން ފެންނާނީ ޕޫޖާ ހެގްޅޭ އެެވެ. މިއީ މި ދެ ތަރިންގެ ޖޯޑު ސްކްރީނަށް އަންނަ ފުރަތަމަ ފަހަރު ވެސް މެ އެވެ.
އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ދޭވާ" ގެ ކާސްޓްގައި ކުބްރާ ސައިތު އާއި ޕަވައިލް ގްލާޓީގެ އިތުރުން ޕްރަވޭޝް ރާނާ ހިމެނެ އެވެ.