އިބްރާހީމް އަލީ ޚާނާއި ސްރީލީލާ ފިލްމަކަށް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މި ވާހަކަ މިޑިއާތަކުގައި ދެކެވެން ފެށީ މިދިޔަ ހަފުތާގެ ތެރޭގައި އެ ދެ މީހުން ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ ފިލްމު ސްޓޫޑިއޯ، މެޑޮކް ފިލްމްސް އިން ނުކުތްތަން ފެނުމާ ގުޅިގެންނެވެ. އެ މަންޒަރު ޕަޕަރާޒީންނަށް ފެނިގެން ފޮޓޯ އާއި ވީޑިއޯ ނަގަން ފެށުމުން އިބްރާހީމާއި ސްރީލީލާ އެކީގައީ ޕޯސް ވެސްކުރި އެވެ.
ރިޕޯޓްތައް ބުނާ އެ ދެ މީހުން އެކީގައި ފެންނާނެ ކަމަށް ބެލެވެނީ މެޑޮކް އިން ހަދަން ނިންމާފައިވާ "ޑިލަރު" އިންނެވެ. އެ ނަމުގައި މެޑޮކް އިން ފިލްމެއް ހަދަން އުޅޭކަން 2022 ގައި އިއުލާންކޮށްފައިވާ އިރު، އޭގެ ބަތަލަކީ އިބްރާހިމް ކަމަށް ކުރިން ވެސް އަޑުއަރާފައިވެ އެވެ.
އިބްރާހީމް، 24، އަކީ މަޝްހޫރު އެކްޓަރު ސައިފް އަލީ ޚާންގެ ދޮށީ ފިރިހެން ދަރިފުޅެވެ. އޭނަ އަކީ ބަތަލާ ސާރާ އަލީ ޚާންގެ އެއްބަނޑު އެއްބަފާ ކޮއްކޮ އެވެ. އިބްރާހީމް މި އަހަރު ބޮލީވުޑަށް ތައާފަރު ކުރާނެ އެވެ.
އޭނަގެ ދެ ފިލްމެއްގެ މަސައްކަތް ނިންމާފައިވާ އިރު، ފުރަތަމަ ފިލްމަކަށް ވާނީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ގެނެސްދޭން ހަމަޖެހިފައިވާ "ސަރްޒަމީން" އެވެ. ކެޔޯޒް އިރާނީ ޑައިރެކްޓްކޮށްފައިވާ މި ވަތަނީ އެކްޝަން ފިލްމުގެ ކާސްޓްގައި ކާޖޮލް އާއި ޕްރިތުވީރާޖްކުމާރު ސުކްމަރަން ވެސް ހިމެނެ އެވެ.
މީގެ އިތުރުން ދަރުމާގެ ރޮމޭންޓިކް ކޮމެޑީ "ނާދާނިޔާ" އިން ވެސް އިބްރާހީމް ފެންނާނެ އެވެ. ޝައުނާ ގޯތަމް ޑައިރެކްޓްކޮށްފައިވާ ފިލްމުގެ ބަތަލާ އަކީ ކުރީގެ ބަތަލާ ސްރީދޭވީ ހަގު ދަރިފުޅު، ހުޝީ ކަޕޫރެވެ.
މިހާރު ބޮލީވުޑުން ހުށަހެޅުންތައް ލިބެމުން އަންނަ ދެކުނުގެ ބަތަލާ ސްރީލީލާ، 23، އަދި މިހާތަނަށް ހިންދީ ފިލްމެއް ކުޅެފައެއް ނުވެ އެވެ. އޭނަ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ މަހު ރިލީޒްކުރި އައްލޫ އަރުޖުންގެ "ޕުޝްޕާ 2" ގެ އައިޓަމް ލަވައަކުންނެވެ.
ސްރީލީލާ މިހާތަނަށް ތަމަޅަ، ތެލެގޫ އަދި ކަންނާޑާ ފިލްމުތަކެއް ކުޅެފައިވެ އެވެ.