Last Updated: May 10, 11:54
Saturday, May 10, 2025
ޚަބަރު

ފުލުހުން ތިބީ ރެކިގެން، ފިރިހެންވަންތަ ކަމެއް ނެތް

ފުލުހުން މިހާރު ތިބީ ނިވާފަތްގަނޑެއްގެ ދަށުގައި ކަމަށާއި އެ މީހުން ފިރިހެންވަންތަ މަސައްކަތެއް ކުރާ ތަނެއް ނުފެންނަ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންމ ވިދާޅުވެއްޖެ އެވެ.

އެ މަނިކިފާނުހގެ ޕާޓީ، ޕީއެންއެފުން ސިލްސިލާކޮށް ޕާޓީ އޮފީހުގައި ބާއްވާ ސިލްސިލާ ޖަލްސާތަކުގެ ތެރެއިން ބުރާސްފަތި ދުވަހުގެ ރޭގެ ޖަލްސާގައި ޔާމީން ވިދާޅުވީ ފުލުހުންނަކީ ދިވެހި ފުލުހުންނަކީ މިހާރު ގާނޫނީ ގޮތުން ކުރަން ޖެހޭ އެއްވެސް މަސައްކަތެއް ކުރާ ބައެއް ނޫން ކަމަށެވެ. އަދި ފުލުހުން ތިބީ ނިވާފަތްގަނޑެއްގެ ތެރޭގައި ކަނޑިކި އަދެގެން ކަމަށް ވެސް ވިދާޅުވި އެވެ.

ރާއްޖޭގައި މިހާރު ހިނގަމުންދާ ކަންކަމަށް ފުލުހުން އަޅާނުލާ ކަމަށް ވިދާޅުވީ ޔާމީން ވިދާޅުވީ ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން ޑީއެންއާރް) ގައި ހުރި މައުލޫމާތުތައް ވަގަށް ނަގައިގެން އެ ބޭނުންކޮށް ރައްޔިތުންނަށް އެނގުމަކާ ނުލާ މި ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީ ވައްދަމުންދާ އިރު، ތަހުގީގީ އިދާރާތަކުން މިކަންކަން ތަހުގީގުކުރަން ޖެހޭނީ އިސްވެ ކަމަށާއި ނަމަވެސް އަދިވެސް ޕީޖީން ވެސް އެކަމަށް އިސް ނުނަގާ ކަމަށާއި ފުލުހުން ވެސް އަމިއްލަ ފަރާތްތަކުން ހުށަހެޅި މައްސަލަތައް ބަލާނެކަމާ މެދުވެސް ސުވާލު އުފެދޭ ކަމަށް ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ މި ހުރިހާ ކަމެއް ހިނގަމުންދާ އިރު ވެސް މިކަން ބެލޭނޭ ކޯޓެއް ވެސް އަދި މުއައްސަސާއެއް ވެސް ނެތްކަމަށެވެ. އެގޮތުން ފުލުހުންނަކީ މިއިން އެއްވެސް ކަމެއް ބަލާ ބައެއް ނޫން ކަމަށާއި ފުލުހުންނަށް ގައުމުގައި މި ހިނގާ ކަންކަން ނުބެލޭ ވާހަކަ އެމަނިކުފާނު ދައްކަވާތީ އެކަމާ ވެސް ހިތްޕުޅާ ނުވާކަމަށާއި ނަމަވެސް އެވާހަކަތަށް ދައްކަވާނޭ ކަމަށް ޔާމީން ވިދާޅުވި އެވެ.

"ފުލުހުންނަކީ މިއިން ކަމެއް ބަލާބައެއް ނޫން އިނގޭތޯ. މިހާރު އެބަ އަޑުއިވޭ އަޅުގަނޑު އެވާހަކަ ދައްކާތީ އެ މީޙުން އަޅުގަނޑުދެކެ އެހާ ހިތްހަމަ ނުޖެހިގެން އުޅޭ ވާހަކަ،" އެ މަނިކުފާނު ވިދާޅުވި އެވެ. "މާތްކަލާނކޯ. ތަހުގީގު ކުރޭ އަޅުގަނޑުގެ މައްސަލަ. އަޅުގަނޑު ދައްކާނަން މި ވާހަކަތައް. އަޅުގަނޑަށް ފުލުހުން މި ކުރަނީކީ އެހާ ފިރިހެން މަސައްކަތެއް ނޫން އިނގޭތޯ. އެތިބެނީ، ހަމަ ނިވާފަތްގަނޑޭއްގެ ދަށުގައި ކަނޑިކި އަނދެގެން ތިބި ބައެއް އެއީ އިނގޭތޯ."

ޔާމީން އިތުރަށް ވިދާޅުވީ ގައުމުގައި ހާބޮޑެތި ވައްކަންތަކާއި ކޮރަޕްޝަންގެ އަމަލުތައް އިންތިހާ އަށް މައްޗަށް ގޮސްފައިވާއިރު، ގާނޫނީ ގޮތުން ކުރަން ޖެހޭ އެއްވެސް މަސައްކަތެއް ފުލުހުން ކުރަމުން ނުދާ ކަމަށާއި ފުލުހުން އެތިބީ އެ ހުރިހާ ކަމަކުން ރެކިގެން ކަމަށެވެ.