Last Updated: July 15, 18:06
Thursday, July 16, 2026
މުނިފޫހިފިލުވުން

އިންޑިއާ ފިލްމުގެ ޝޫޓިންގައި ޕްރިޔަންކާ

އިންޑިއާގެ ކުޅަދާނަ ޑައިރެކްޓަރު އެސްއެސް ރާޖަމޯލީގެ އާ ފިލްމުގެ ޝޫޓިންގައި ބަތަލާ ޕްރިޔަންކާ ޗޯޕްޅާ މިިހާރު ބައިވެރިވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އޭނަ ހައިދަރުއާބާދަށް ގޮސްފައި ވަނީ ބުރާސްފަތި ދުވަހު ކަމަށް ރިޕޯޓްތައް ބުނެ އެވެ. ޕްރިޔަންކާ އެއާޕޯޓިން ފެންނަ ވީޑިއޯތަކެއް ވެސް ސޯޝަލް މީޑިއާގައި ދައުރުވެފައިވެ އެވެ. އެކަމަކު އިންޑިއާގެ މި ދަތުރާ ގުޅޭ ގޮތުން އެމެރިކާގައި ދިރިއުޅެމުން އަންނަ ބަތަލާ އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނެ އެވެ.

ނަމަވެސް މި އަހަރު އިންޑިއާގެ ފިލްމެއް ކުޅޭނެކަން ޕްރިޔަންކާ ދާދި ފަހުން ކަށަވަރުކޮށް ދީފައިވެ އެވެ. އެކަމަކު އެއާ ފިލްމާ ބެހޭ އެއްވެސް ތަފުސީލެއް ނުދެ އެވެ.

"ބާހްބަލީ" އާއި "އާރްއާރްއާރް" ފަދަ މަގުބޫލު ފިލްމުތައް މި ފަހުން ގެނެސްދިން ރާޖަމޯލީގެ އާ ފިލްމަކީ އެކްްޝަން އެޑްވެންޗާއެކެވެ. އޭނަ އާއި ބައްޕަ ކޭވީ ވިޖެޔަންދަރް ޕްރަސާދުގެ ސްކްރީންޕްލޭއަކަށް ހަދާ ފިލްމުގެ ބަތަލަކީ މަޝްހޫރު ތެލެގޫ އެކްޓަރު މަހޭޝް ބާބޫ އެވެ.

ފިލްމުުގެ މަސައްކަތް މީގެ ދެ ހަފުތާ ކުރިން ފެށި ނަމަވެސް ފިލްމާ ބެހޭ އެއްވެސް މައުލޫމާތެއް އަދި މިހާތަނަށް ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ.

ރާޖަމޯލީގެ އެންމެ ފަހުން ގެނެސްދިން ފިލްމަކީ 2022 ގެ "އާރްއާރްއާރް" އެވެ.

ޕްރިޔަންކާ އެންމެ ފަހުން ކުޅުނު އިންޑިއާގެ ފިލްމަކީ 2019 ގެ ބޮލީވުޑް ފިލްމު "ދަ ސްކައި އިޒް ޕިންކް" އެވެ. އޭނަ ޝޫޓިން ނިންމާފައިވާ ހޮލީވުޑްގެ ޕްރޮޖެކްޓްތަކުގެ ތެރޭގައި "ހެޑްސް އޮސް ސްޓޭޓް" އާއި "ދަ ބްލަފް" ގެ އިތުރުން ވެބް ސީރީޒް "ސިޓަޑެލް" ސީޒަން ދޭއް ހިމެނެ އެވެ.

ޕްރިޔަންކާ އެންމެ ފަހުންނ ފެނިފައި ވަނީ 2023 ގެ "ލަވް އެގެއިން" އިންނެވެ.