އައްޑޫގެ ކަރަންޓް ހާލަތު ރަނގަޅު ކުރުމަށް ގެނައި 2 މެގަ ވޯޓް އިންޖީނު މާލޭގައި ބަހައްޓަން ނިންމާފައިވާ ކަމަށާއި އައްޑޫއަށް އާ އިތުރު 2 ޖަނަރޭޓަރު ކުރިއަށް ތިން ހަތަރު މަހެއްގެ ތެރޭގައި ގެންނާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލިސްގެ ސަރުކާރު ޒިއްމާދާޜު ކުރާ ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ ޗެއާމަން މުހައްމަދު ނަދީމް ވިދާޅުވީ، އައްޑޫގައި ހުރި ޖަނަރޭޓަރުގެ ބަދަލުގައި އާ އިންޖީނުތައް ގެނައުމަށް ނިންމާފައިވާ ކަމަށެވެ.
ނަދީމް ވިދާޅުވީ މި އަހަރުގެ ކުރީކޮޅު އައްޑު އަށް ގެންދިޔަ ދެ ޖަނަރޭޓަރު އައްޑޫ އިންޖީނުގޭގައި ބެހެއްޓުމުގެ ކުރިން މާލެ ގެނައީ، މިނިވަން 50ގެ ހަރަކާތްތައް ބޯމަތިވެފައި ވަނިކޮށް މާލޭގެ ބައެއް އިންޖީނުތަކަށް ދިމާވި މައްސަލަތަކާ ގުޅިގެން ކަމަށެވެ. ނަމަވެސް މާލޭގައި އެ ދެ ޖަނަރޭޓަރު ބޭނުންކުރުމަށް ފަހުގައި އައްޑު އަށް ގެންދިއުމުގެ ބަދަލުގައި މިހާރު ހަމަޖައްސާފައިވަނީ މުޅިން އައު ދެ ޖަނަރޭޓަރު ގެނެސް އައްޑު އަށް ގެންދަން ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ ތިން އަހަރު ކުރިން އައްޑޫއަށް ގެންނަ ކަމަށް ދޭތެރެ ދޭތެރެއިން ފެނަކަ ކޯޕަރޭޝަނުން ބުނަމުން ދިޔަ 2 މެގަ ވޯޓްގެ އިންޖީނު އައްޑޫއަށް ގެނެވިފައިވަނީ މިއަހަރުގެ ޖޫން މަހުގެ 22 ވަނަ ދުވަހުއެވެ. އޭގެ ފަހުން މަސްދުވަސް ހޭދަވެގެން ގޮސްފައިވަނީ އިންޖީނު ބަހައްޓާނެ ތަން ތައްޔާރު ކުރުމަށެވެ.
ފެނަކަ ކޯޕަރޭޝަން ގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ނިމާލް ވިދާޅުވީ އާ ޖަނަރޭޓަރުތަކެއް ގެނެސްގެންވެސް އައްޑޫގެ ކަރަންޓްގެ ހާލަތު ރަނގަޅު ނުކުރެވޭނެ ކަމަށެވެ
ނިމާލް ވިދާޅުވީ ޖަނަރޭޓަރުގެ އިތުރުން ޓްރާންސްފޯމަރުތައް ހޯދައި ވަޔަރުގެ މައްސަލަ ވެސް ހައްލުކުރެވިގެން ނޫނީ މުޅި މައްސަލަ އަށް ހައްލެއް ނުލިބޭނެކަމަށެވެ. އަދި މިކަމަށް ފެނަކަ އިން ހާއްސަ އިސްކަމެއް ދެމުން އަންނަ ކަމަށް ނިމާލް ވިދާޅުވިއެވެ.
އައްޑޫއިން ކަރަންޓް ކެނޑުން މިހާރު މިވަނީ އާއްމު ކަމަކަށް ވެފައެވެ. ކަރަންޓް ކެނޑިފައި ކަރަންޓް އަންނަ ގަޑީގައި އިލެކްޓްރޯނިކް ބައެއް ސާމާން ހަލާކުވުމުގެ ޝަކުވާ ބޮޑުވެފައިވާ އިރު އެކަމަކާއި އަޅާލާ ބަޔަކު ނެތެވެ.