ދިވެހި ރައްޔިތުންނަކީ ނާތަހުޒީބު ބައެއް ކަމަށް ދައްކަން އުޅުމަކީ ދަށު ދަރަޖައިގެ އަމަލެއް ކަމަށް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެ އެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ މަގުމަތިން ސަރުކާރު ވައްޓާނުލާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހީކޮށްގެން ނުވާނެ ކަމަށް، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވުމާ ގުޅިގެންނެވެ.
ނައިބް ރައީސް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒަކީ އަބަދުވެސް ބިނާކުރަނިވި ފާޑުކިޔުމަށް ޖާގަދެއްވާ ބޭފުޅެއް ކަމަށާއި އެއީ ގައުމަށް އަދި ރައްޔިތުންނަށް ހިދުމަތެއް ކޮށްދެއްވަން ނުކުމެވަޑަންނަވާ ކޮންމެ ވެރިއެއް ނުވަތަ ސިޔާސީ ބޭފުޅެއްގެ ކިބައިގައި ހުންނަން ވާނެ ސިފައެއް ކަމަށެވެ.
"ފާޑުކިޔުމުގެ ނަމުގައި ދިވެހި ރައްޔިތުންނަކީ ނާތަހުޒީބު، ޑިމޮކްރެސީ އާއި ދުރުބައެއް ކަމަށްބުނެ، ރައްޔިތުންނަށް ހަޖޫޖެހުމަކީ ދަށުދަރަޖައިގެ އަމަލެއް،" ނައިބު ރައީސް ވިދާޅުވި އެވެ.
ޗެނަލް 13 ގެ ނިއުސްޓޯކް ޕްރޮގްރާމުގައި އުމަރު ވިދާޅުވީ ދިވެހިންނަކީ ހުކުރުން ފައިބައިގެން ގުޅަކުޅޭ ފަސްގަނޑަށްގޮސް ރަސްގެފާނު ބަދަލު ކުރާ ބައެއް ކަމަށާއި މަގުމަތިން އެކަން ކުރަން ޖެހިއްޖެ ނަމަ ދިވެހިން އެކަން ނުކުރާނެ ކަމަށް ރައީސް މުއިއްޒު ހީކޮށްގެން ނުވާނެ ކަމަށެވެ.
"މުއިއްޒު ހީފުޅު ކުރައްވައިގެން ނުވާނެ މުޒަހަރާ އެއްޗެހި ކޮށްގެން ސަރުކާރު ބަދަލު ކޮށް ނުލާނެއޭ. އެ ހިސާބަށް ގޮސްފިއްޔާ އަޅުގަނޑު ވެސް ނުކުންނާނަން،" އުމަރު ވިދާޅުވި އެވެ.