އިންޓަނޭޝަނަލް ރިނިއުބަލް އެނަޖީ އެޖެންސީ (އައިރީނާ) ގެ އެންމެ ފަހުގެ ނިންމުންތައް ނިންމާ ގުނަވަން ކަމަށްވާ އެ އެޖެންސީގެ އެސެމްބްލީގެ ނައިބު ރައީސްކަން ދިވެހި ރާއްޖެ އަށް ލިބިއްޖެއެވެ.
މި މަގާމަށް ވާދަކުރި ޤައުމުތަކުގެ ތެރޭގައި އިންޑިޔާ އާއި މެލޭޝިޔާ ވެސް ހިމެނެ އެވެ. އައިރީނާގެ ރައީސް ކަމަށް ހޮވުނީ މެކްސިކޯ އެވެ.
އައިރީނާއަކީ ދުނިޔޭގެ އެކި ޤައުމުތަކުން ބައިވެރިވެގެން އިޢާދަކުރަނިވި ހަކަތައިގެ ދާއިރާ ތަރައްޤީކޮށް، ކުރިއަރުވައި، އެ ދާއިރާއިން މެންބަރު ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަޤްޞަދުގައި 2009 އަހަރު ޤާއިމްކުރެވިފައިވާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއެކެވެ.
އައިރީނާގައި 105 މެންބަރު ޤައުމު ހިމެނޭ އިރު އެ އެޖެންސީގެ މެންބަރުކަމަށް އެދި އިތުރު 55 ޤައުމަކުން މިހާރުވެސްވަނީ ހުށަހަޅާފަ އެވެ. ރާއްޖެއަކީ އައިރީނާގެ މެންބަރެއްގެ ގޮތުގައި އެންމެފުރަތަމަ ހިމެނިގެން ދިޔަ ޤައުމުތަކުގެ ތެރެއިން ޤައުމެކެވެ.
އައިރީނާ އުފެދިގެން މިއަދާ ހަމަޔަށް އައި އިރު އިޢާދަކުރަނިވި ހަކަތައިގެ ދާއިރާއިން އެ އެޖެންސީވަނީ ތަފާތު ގިނަގުނަ ކުރިއެރުންތަކެއް ހޯދާފަ އެވެ. މިގޮތުން އައިރީނާއަކީ މި ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމަށް މަސައްކަތްކުރާ އެންމެ މުހިންމު އެއް ފަރާތެވެ.
ދިވެހި ރާއްޖެ އިން އިޢާދަކުރަނިވި ހަކަތައިގެ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމަށް ކުރަމުން އަންނަ މަސައްކަތްތަކަކީ ދުނިޔޭގެ ފެންވަރުގައި އަބަދުވެސް ވަރަށް ބޮޑަށް ފާހަގަ ކުރާ މަސައްކަތްތަކެކެވެ.
މި ދާއިރާ އިން ރާއްޖެ ކުރާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން މިހާރު ދިވެހިރާއްޖެއަކީ އައިރީނާގެ އެންމެ ފަހުގެ ނިންމުންތައް ނިންމާ ގުނަވަންކަމުގައިވާ އެސެމްބްލީގެ ނައިބު ރައީސްގެ އިތުރުން އައިރީނާގެ ފައިނޭންސް ކޮމެޓީގެ ވައިސް ޗެއަވެސް މެ އެވެ.
މި ވޭތުވެދިޔަ 11 މަސް ދުވަހުގެ ތެރޭގައި ރާއްޖެ ވަނީ އދގެ ހިއުމަން ރައިޓްސް ކޮމިޝަންގެ ނައިބު ރައީސްކަމުގެ މަގާމަށް ވެސް ހޮވިފަ އެވެ.