Last Updated: July 15, 18:06
Thursday, July 16, 2026
މުނިފޫހިފިލުވުން

10 އަހަރު ފަހުން ޑަޔަޒްގެ ފިލްމެއް

ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ހޮލީވުޑްގެ މަޝްހޫރު ބަތަލާ ކެމެރަން ޑަޔަޒް އެކްޓިންއާ ދުރުގައި ހުންނަތާ 10 އަހަރު ފަހުން ކުޅުނު އާ ފިލްމު ބެލުންތެރިންނަށް ދޫކޮށްލައިފި އެވެ.

ނެޓްފްލިކްސް އިއްޔެ ޕްރީމިއާކުރި މި ފިލްމަކީ އެކްޝަން ކޮމެޑީ "ބެކް އިން އެކްޝަން" އެވެ.

ޖެމީ ފޮކްސް ބަތަލުގެ ރޯލު ކުޅެފައިވާ މި ފިލްމަކީ ސެތު ގޯޑަންގެ ޑައިރެކްޝަނެކެވެ. އޭނަ އަކީ އިންޑިއާގެ ބަތަލާ ޕްރިޔަންކާ ޗޯޕްޅާގެ ފުރަތަމަ ހޮލީވުޑް ފިލްމު 2017 ގެ "ބޭވޮޗް" ގެ ޑައިރެކްޓަރެވެ.

"ބެކް އިން އެކްޝަން" ބެލުންތެރިންނަށް ދޫކޮށްލުމާ ދިމާކޮށް ބީބީސީގެ ވަންގެ "ދަ ގަރްހަމް ނޯޓަން ޝޯ" އަށް ދިން އިންޓަވިއުއެއްގައި ޑަޔަޒް، 52، ބުނީ އަލުން އެކްޓިން އަށް ނުކުތުމަކީ ފެށުމަކަށް ވެދާނެ ކަމަށެވެ. އެކަމަކު އެކްޓިންއާ ދުރުގައި ހުރި ފާއިތުވި 10 އަހަރަކީ ހަޔާތުގެ އެންމެ ހިތްގައިމު 10 އަހަރުގެ ގޮތުގައި ސިފަކުރި އެވެ.

"އަލުން ފިލްމީ މަސައްކަތް ފެށުމަކީ އާ ފެށުމަކަ ވެދާނެ. އެކަމަކު ސީދާކޮށް މިކަމާ ބެހޭ ގޮތުން ވަކި އެއްޗެއް ބުނާކަށް ނޭނގޭ." މިއުޒިޝަން ބެންޖީ މެޑެންއާ 2015 ގައި ކައިވެނިކޮށް މިހާރު ދެ ދަރިން ވެސް ތިބި ބަތަލާ ބުންޏެވެ.

"ބެކް އިން އެކްޝަން" ބެލުންތެރިންނށް ދޫކޮށްލި އިރު، ޑަޔަޒްގެ އިތުރު ދެ ޕްރޮޖެކްޓެއް ވެސް އެބައޮތެވެ. އެއީ އޭނަ އަޑު އަޅައިދޭ އެނިމޭޓެޑް ފިލްމު "ޝްރެކް 5" ގެ އިތުރުން ބްލެކް ކޮމެޑީ "އައުޓްކަމް" އެވެ. އެ ފިލްމުގެ ކާސްޓްގައި ކިއާނޫ ރީވްސް ވެސް ހިމެނެ އެވެ.

ޑަޔަޒްގެ ކެެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި އަލަތު ފިލްމު "ދަ މާސްކް" އާއި "މައި ބެސްޓް ފްރެންޑްސް ވެޑިން" އާއި "ދެއާ އިޒް ސަމްތިން އެބައުޓް މޭރީ" އާއި "ޗާލީސް އެންޖެލްސް" އާއި "ވެނީލާ ސްކައި" އާއި "ދަ ހޮލިޑޭ" އާއި "ނައިޓް އެންޑް ޑޭ" އަދި "ދި އަދާ ވުމަން" ހިމެނެ އެވެ.

ޑަޔަޒްގެ ފިލްމެއް އެންމެ ފަހުން ސިނަމާތަކަށް އައީ 2014 ގަ އެވެ. އެއީ އެ އަހަރުގެ މިއުޒިކަލް ކޮމެޑީ ޑްރާމާ "އެނީ" އެވެ.