ކުރިން އަންނަ ހޯމަ ދުވަހު ޝޫޓިން ފަށާ ގޮތަށް ޕްލޭންކޮށްފައި އޮތް ސައިފް އަލީ ޚާންގެ އާ ފިލްމުގެ ޝޫޓިން މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި އެވެ.
މީޑިއާތަކުން ބުނީ އޭނަގެ 2003 ގެ "ކަލް ހޯ ނަ ހޯ" ގެ ޑައިރެކްޓަރު ނިކިލް އަދުވާނީ ޕްރޮޑިއުސްކޮށް، ރާހުލް ދޮލާކިއާ ޑައިރެކްޓް ކުރަން ހަމަޖެހިފައިވާ ފިލްމުގެ ޝޫޓިް ފަސްކުރީ ފިލްމުގެ ޝޫޓިން ހޯމަ ދުވަހު ފެށުމުގެ ހުރިހާ ތައްޔާރީތަކެއް ވެފައި ވަނިކޮށް ކަމަށެވެ.
އެގޮތުން ނަން އަދި ހާމަނުކުރާ ފިލްމުގެ މަންޒަރުތައް ނަގަން މަދު އައިލޭންޑްގެ ސެޓްތައް ވެސް ހަދާފައިވެ އެވެ.
މީގެ މަސައްކަތް މުއްދަތެއް ނެތް ގޮތަށް ފަސްކުރީ މީގެ ދެ ދުވަސް ކުރިން ސައިފްގެ ގެއަށް ވައްކަންކުރަން ވަން މީހަކު އޭނަ އަށް ތޫނު އެއްޗަލުން ހަމަލާދީ ޒަހަމްކޮށްލުމާ ގުޅިގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށް މިހާރު ފަރުވާ ދެމުން އަންނާތީ އެވެ. ބުރާސްފަތި ދުވަހު މުމްބާއީގެ ލީލާވަތީ ހޮސްޕިޓަލްގައި ވަނީ ސައިފްގެ ސާޖަރީއެއް ވެސް ހަދައިފަ އެވެ.
އޭނަ އަށް ދިން ހަމަލާގައި ހަށިގަނޑުގެ ހަ ތަނަކަށް ވަޅި ހަރާފައިވެ އެވެ. ސައިފްގެ ހާލު މިހާރު ރަނގަޅެވެ. އަދި މި ހަފުތާގެ ތެރޭގައި އޭނަ ހޮސްޕިޓަލުން ދޫކޮށްލާ ގޮތަށް ހަމަޖެހިފައިވެ އެވެ.
ބަތަލާ ކަރީނާ ކަޕޫރްގެ ފިރިމީހާ ސައިފް އެންމެ ފަހުގެ ފިލްމަކީ މިދިޔަ އޮކްޓޯބަރުގައި ރިލީޒްކުރި "ދޭވްރާ: ޕާޓް 1" އެވެ. އޭނަގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ޝޫޓިން ނިންމާފައި އޮތް "ޖުވެލް ތޫފް: ދަ ރެޑް ސީ ޗެޕްޓާ" ހިމެނެ އެވެ.
ދޮލާކިއާ ޑައިރެކްޓްކުރަން ހަމަޖެހިފައިވާ ފިލްމުގައި ސައިފް ކުޅެން ހަމަޖެހިފައި އޮތީ އިންޑިއާގެ ފުރަތަމަ އިލެކްޝަން ކޮމިޝަނަރު ސުކްމާރު ސެންގެ ރޯލެވެ. މި ފިލްމުގެ ވާހަކަ ބިނާކޮށްފައި ވަނީ އިންޑިއާ އަށް 1947 ގައި މިނިވަންލަން ލިިބުނު ފަހުން ބޭއްވި 1951-1952 އަށް ބޭއްވި ފުރަތަމަ އާންމު އިންތިހާބަށެވެ.
މި ފިލްމުގެ ކާސްޓްގައި ޕްރަތީކް ޕްރަތީކް ގާންދީ އާއި ދީޕަކް ދޮބްރިޔާލް ވެސް ހިމެނެ އެވެ.