Last Updated: July 18, 14:17
Friday, July 18, 2025
ކުޅިވަރު

އާސެނަލް އެއްވަރު، ލިވަޕޫލަށް ހަ ޕޮއިންޓުގެ ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލް އާއި އެސްޓަންވިލާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ލިވަޕޫލުން ފަހު ވަގުތު 2-0 އިން ބްރެންޓްފޯޑް ބަލިކޮށްފި އެވެ.

މި މޮޅާއެކު ލީގުގެ އެއްވަނައިގައި ލިވަޕޫލް އޮތީ 21 މެޗުން 50 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އާސެނަލް އޮތީ 22 މެޗުން ލިބުނު 44 ޕޮއިންޓާއެކު އެވެ. ތިންވަނައިގައި 21 މެޗުން 41 ޕޮއިންޓާއެކު ހޯދައިގެން ނޮޓިންހަމް ފޮރެސްޓް އޮތްއިރު، ހަތަރުވަނައިގައި 22 މެޗުން 38 ޕޮއިންޓާއެކު އޮތީ ނިއުކާސަލް ޔުނައިޓެޑެވެ.

ބްރެންޓްފޯޑުގެ ދަނޑުގައި ކުޅުނު މެޗުގައި ލިވަޕޫލުން ކާމިޔާބުކުރި ދެ ގޯލުވެސް ފެނިގެންދިޔައީ މެޗުގެ އެންމެ ފަހު ވަގުތުކޮޅުތެރޭގަ އެވެ. މި ދެ ގޯލުވެސް ލިވަޕޫލަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ކުޅެން އެރި ޑާވިން ނުނޭޒް އެވެ. މި ދެ ގޯލުވެސް ލިވަޕޫލުން ކާމިޔާބު ކުރީ ކައުންޓަ އެޓޭކުތަކުގައި ތަނަވަސްކުރި ފުރުސަތުތަކުންނެވެ.

ލީގުގައި ލިވަޕޫލް ދެން ބައްދަލުކުރާނީ އަމިއްލަ ދަނޑުގައި އިޕްސިވިޗް ޓައުންއާ އެވެ.

އެސްޓަންވިލާއާ ދެކޮޅަށް ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ 35 ވަނަ މިނެޓްގައި ގެބްރިއަލް މާޓިނެއްލީ ވަނީ އާސެނަލަށް ލީޑު ނަގައިދީފަ އެވެ. އަދި ދެވަނަ ހާފްގެ ކުރީކޮޅު ކައި ހަވެޓްޒްގެ ގޯލުން އާސެނަލުން ވަނީ ލީޑު ފުޅާކޮށްފަ އެވެ. ނަމަވެސް ވިލާއިން ވަނީ ކައިރިކައިރީގައި ދެ ގޯލު ކާމިޔާބުކޮށް ނަތީޖާ އެއްވަރުކޮށްފަ އެވެ. މި ދެ ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ޔޫރީ ޓީލަމެންސް އާއި އޮލީ ވޮޓްކިންސް އެވެ.

މެޗުގެ ފަހު ވަގުތުކޮޅުތެރޭ އާސެނަލުން އިތުރު ގޯލެއް ކާމިޔާބުކުރި ނަމަވެސް، މިކޭލް މެރީނޯ ފޮނުވާލި ހަމަލާ ގޯލަށް ވަނީ ހަވެޓްޒްގެ އަތުގައި ޖެހިފައި ކަމުން، ރެފްރީ ވަނީ އެ ގޯލު ކެންސަލްކޮށްފަ އެވެ.

ޕްރިމިއާ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ބޯންމަތް އިން ވަނީ 4-1 އިން ނިއުކާސަލް ބަލިކޮށްފަ އެވެ. ފުލަމްއިން 2-0 އިން ލެސްޓަ ސިޓީ ބަލިކުރިއިރު، ކްރިސްޓަލް ޕެލެސް އިން ވަނީ 2-0 އިން ވެސްޓްހަމް ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދައިފަ އެވެ.