Last Updated: May 10, 13:18
Saturday, May 10, 2025
ޚަބަރު

ހަދިޔާކުރާ މަސްދަޅުން 40 ގްރާމް އުންޏެއް ނުވާނެ

ކުރިއަށް އޮތް ރޯދަ މަހާ ދިމާކޮށް ސަރުކާރުން ރައްޔިތުންނަށް ހަދިޔާ ކުރާ މަސްދަޅުން 40 ގްރާމް މަދުކޮށް މަސްދަޅު ތައްޔާރުކުރާ ވާހަކަ މިފްކޯ އިން ދޮގުކޮށްފި އެވެ.

އެ ވާހަކަ ބައެއް މީޑިއާތަކުން ރިޕޯޓްކުރުމާ ގުޅިގެން އެ ކުންފުނިން މިއަދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ބުނީ ރައީސްގެ ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް ރޯދަޔަށް ގޭބިސީތަކަށް ހިލޭ ބަހާ މަސްދަޅުން 40 ގްރާމް މަސް އުންޏެއް ނުވާނެ ކަމަށެވެ. އަދި އެއީ ދޮގު ވާހަކަތަކެއް ކަމަށް މިފްކޯ އިން ބުންޏެވެ.

އެ ކުންފުނިން ބުނީ ބުނީ ކުރިން ނެރެމުން އައި 180 ގްރާމްގެ މަސްދަޅުގެ ބަދަލުގައި 140 ގްރާމް މަސްދަޅު ބާޒާރަށް ނެރުނީ ކުދި ގޭބިސީތަކަށް އަދި އެއްފަހަރު ބޭނުން ކުރެވޭ އެއްޗެއްގެ ގޮތުގައި ކަމަށެވެ. އަދި މަސް ދަޅު ފްރިޖު ކުރުމަކީ ރަނގަޅު ކަމަކަށް ނުވާތީ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެގޮތުން އަލަށް ނެރުނު 140 ގްރާމްގެ މަސްދަޅު މިހާރު ރީޓެއިލްކޮށާއި ހޯލްސޭލްކޮށް ވެސް ލިބޭނެ ކަމަށް މިފްކޯ އިން ބުންޏެވެ.

ރޯދަ އަށް ރާއްޖޭގެ ހުރިހާ ގޭބިސީއަކަށް މަސްދަޅު ބަހަން ތައްޔާރުވަމުން އަންނަ އިރު، ގޭބިސީއަކަށް ދޭނީ 48 ދަޅު ހިމެނޭ މަސްކޭހެވެ.