ރަންބީރް ކަޕޫރާ އެކު ހަދަން ނިންމާފައިވާ "ދޫމް 4" ގެ ކާސްޓްގައި ވިކީ ކޯޝަލް ވެސް ހިމެނޭނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާތަކުން ބުނީ އަދިތިޔާ ޗޯޕްޅާގެ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) "ދޫމް" ފްރެންޗައިޒްގެ ހަތަރު ވަނަ ބައި ކުރީގެ ތިން ފިލްމާ ވަރަށް ތަފާތުކޮށް ހަދަން ނިންމާފައިވާ އިރު، އާ ފިލްމުގައި ވިކީ ކުޅޭނީ ފުލުހެއްގެ ރޯލު ކަމަށާއި އެއީ ފިލްމުގެ ވަރަށް ބޮޑު، ވަރުގަދަ ރޯލެއް ކަމަށެވެ.
"ދޫމް" ގެ ކުރީގެ ތިން ފިލްމުގައި ފުލުހުންގެ ރޯލު ކުޅެފައި ވަނީ އަބީޝެކް ބައްޗަނާއި އަދިތިޔާގެ ކޮއްކޮ، އުދޭ ޗޯޕްޅާ އެވެ. ނަމަވެސް "ދޫމް 4" ގައި އެ މީހުން ނުހިމެނޭނެ ކަމަށް ރިޕޯޯޓްތައް ބުނެ އެވެ.
މީޑިއާތަކުން ބުނީ މި ފިލްމުގެ ރޯލަކަށް ވިކީ ގެންނަ އިރު، ވައިއާރްއެފްގެ ސްޕައި ޔުނިވާސްގެ ފިލްމެއް ވެސް ސޯލޯ އެކްޓަރެއްގެ ގޮތުގައި ވިކީ ހިމަނައިގެން ހަދަން އަދިތިޔާ ޕްލޭންކޮށްފައިވާ ކަމަށެވެ.
ދެހާސް ތޭރައިގައި އާމިރު ޚާނާ އެކު "ދޫމް 3" ބަތަލާގެ ރޯލު ކުޅުނު ކެޓްރީނާ ކައިފްގެ ފިރިމީހާ ވިކީ މީގެ ކުރިން ވެސް ވައިއާރްއެފްގެ ފިލްމެއް ކުޅެފައިވެ އެވެ. އެއީ "ދޫމް 4" ވެސް ޑައިރެކްޓްކުރަން ހަމަޖެހިފައިވާ ވިޖޭ ކްރިޝްނާ އަޗާރިއާ (ވިކްޓާ) ގެ 2023 ގެ "ދަ ގްރޭޓް އިންޑިއަން ފެމިލީ" އެވެ.
ރަންބީރާ އެކީ "ދޫމް 4" އިން ވިކީ ފެންނާނެކަމުގެ އަޑުތައް ގަދަވެފައިވާ އިރު، ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ އެކްޓަރު މިހާރު ވެސް އަންނަނީ ރަންބީރާ އެކު ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. އެއީ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ "ލަވް އެންޑް ވޯ" އެވެ. އަންނަ އަހަރު ރިލީޒްކުުރަން ހަމަޖެހިފައިވާ މި ފިލްމުގެ ބަތަލާ އަކީ ރަންބީރްގެ އަންހެނުން އާލިއާ ބަޓެވެ.
ރަންބީރާއި ވިކީ އެކީގައި މަސައްކަތްކުރި ފުރަތަމަ ފިލްމަކީ 2018 ގެ "ސަންޖޫ" އެވެ. ވިކީގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހު ރިލީޒްކުރާ ތާރީހީ ހަނގުރާމަ ފިލްމު "ޗާވާ" އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ކިއާރާ އަދުވާނީ އާއި ޝަރުވާރީ ވާހް ބަތަލާއިންގެ ރޯލު ކުޅޭ "ދޫމް 4" ގެ ޝޫޓިން ފަށާނީ އަންނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގަ އެެވެ. އަދި ފިލްމަށް ތައްޔާރީތައް އަންނަނީ ވަމުންނެވެ.