ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސިންގެ މައްސަލަ 2027 ގެ އެޕްރީލްގެ މަހުގެ ތެރޭގައި ނިންމައިލެވޭނެ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
މިކަމަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ އޮޕަރޭޝަން "ކުރަނގި" ގެ ދަށުން މިދިޔަ އަހަރުގެ މެއި 2 އިން ފެށިގެން އަންނަނީ ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީން ބައޯޕ-މެޓްރިކް ޑޭޓާ ނެގުމުގެ މަސައްކަތް ކުރަމުންނެވެ. އެ މަސައްކަތުގެ އިއްޔެއާ ހަމައަށް 25،483 މީހެއްގެ މައުލޫމާތު ވަނީ ނަގައިފަ އެވެ.
މި އޮޕަރޭޝަންގެ ފުރަތަމަ މަރުހަލާގެ ބޭނުމަކީ ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންނަކީ ވެސް ގަވާއިދުގެ ތެރޭގައި މަސައްކަތް ކުރާ ބަޔަކަށް ހެދުމެވެ.
"ރައީސް ޑރ. މުއިއްޒު ވައުދުފުޅާ އެެއްގޮތަށް ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ތިން އަހަރުގެ ޕްލޭނެއްގެ ދަށުން ކުރެވެމުންދާ މި މަަސައްކަތް ﷲގެ އިރާދަފުޅާއެކު ކާމިޔާބު ކަމާއެކު ނިންމާލެވޭނީ 2027 ވަނަ އަހަރުގެ އޭޕްރިލް މަހުގައި." މިނިސްޓަރު ވިދާޅުވި އެވެ.