Last Updated: July 26, 22:43
Saturday, July 26, 2025
ޚަބަރު

ޕެންޝަން އޮފީހުގެ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި

ޕެންޝަން އޮފީހުގެ ބޯޑުގައި ޕްރައިވެޓް ސެކްޓާ އިން ތަމްސީލު ކުރާނެ ދެ މެންބަރަކު ހޯދަން އިއުލާންކޮށްފި އެވެ.

އެކަމަށް ޝައުގުވެރޮވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 26 އާ ހަމައަށެވެ.

ކުރިމަތިލާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި ވިޔަފާރި، އިޤްތިޞާދީ ނުވަތަ ޤާނޫނީ ރޮނގުން ފުރަތަމަ ޑިގްރީއެއް ހާސިލުކޮށްފައިވުމާއި
ނުވަތަ ޕެންޝަން/އިންވެސްޓްމަންޓްގެ ދާއިރާގައި މަސައްކަތްކޮށް ތަޖުރިބާ ހާސިލުކޮށްފައިވުން ހިމެނެ އެވެ.

ޕެންޝަން އޮފީހުގެ ބޯޑުގައި ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރާ މެންބަރުންނަކީ، ދައުލަތުގެ ނުވަތަ ސަރުކާރުގެ އެއްވެސް ވަޒީފާއެއް އަދާކުރައްވާ މީހަކަށް ވެސް ވެގެން ނުވާނެ އެވެ. މީގެ އިތުރުން ސަރުކާރުން 50 ޕަސެންޓް އިން މަތީ އަދަދަކަށް ހިއްސާވާ ޕަބްލިކް އަދި ޕްރައިވެޓް ކުންފުންޏެއްގެ ނުވަތަ އެފަދަ ކުންފުނިތަކުން ކޮންޓްރޯލްކުރާ ސަބްސިޑިއަރީ ކުންފުންޏެއްގެ މުވައްޒަފަކަށް ވެސް ވެގެން ނުވާނެ އެވެ.

ޕެންޝަން އޮފީހުން ބުނީ ޕްރައިވެޓް ސެކްޓަ ތަމްސީލު ކުރާ ބޯޑު މެންބަރުން ހޮވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ޤާނޫނުގައިވާ ގޮތުގެ މަތީން އެކުލަވާލެވޭ ސިލެކްޝަން ކޮމިޓީން ދެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ކޮންމެ މަގާމަކަށް ތިން މީހެއްގެ ނަން ޝޯޓްލިސްޓްކޮށް، ކެޕިޓަލް މާރކޓް ޑިވަލޮޕްމަންޓް އޮތޯރިޓީ ސީއެމްޑީން އެ ފަރާތްތަކުގެ ޝަރުޠު ހަމަވާކަން ޔަޤީން ކުރާނެ ކަމަށެވެ.

ޕެންޝަން އޮފީހުގެ ބޯޑަށް މެންބަރުން ޢައްޔަން ކުރައްވާނީ ރައީސުލްޖުމްހޫރިިއްޔާ އެވެ.