Last Updated: July 25, 18:05
Saturday, July 25, 2026
ޚަބަރު

ހަތަރު ވަޒީރުންނަށް ރުހުން ދޭން ކޮމިޓީން ފާސްކޮށްފި

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ކެބިނެޓަށް ގެނައި ބަދަލުތަކަކާ ގުޅިގެން ރުހުން ހޯދަން ފޮނުވި ހަތަރު މިނިސްޓަރަކަށް ރުހުން ދޭން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ފާސްކޮށްފި އެވެ.

އެ މައްސަލަ ދިރާސާކުރުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އަށް ފޮނުވީ މިދިޔަ ބުރާސްފަތި ދުވަހު ދައުރުން ބޭރުގައި ބޭއްވި ޖަލްސާގަ އެވެ. އެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ހަތަރު ވަޒީރުންނަށް ވެސް ރުހުން ދޭން ފެންނަ ކަމަށް ފާސްކޮށްފަ އެވެ.

ކެބިނެޓް ރައީސް ބަދަލުތަކެއް އެންމެ ފަހުން ގެންނެވީ މިދިޔަ މަހުގެ 26 ގަ އެވެ.

އެގޮތުން ރުހުން ހޯދަން މަޖިލީހަށް ފޮނުވީ ފިނޭންސް މިނިސްޓަރު ކަމަށް އައްޔަންކުރި ކުރީގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި ހަޔަ އެޑިއުކޭޝަން މިނިސްޓަރަކަށް އައްޔަންކުރި ކުރީގެ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާއި އެގްރިކަލްޗަ މިނިސްޓަރު ކަމަށް އައްޔަންކުރި ކުރީގެ ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރްޔަމް މާރިއާގެ އިތުރުން ކޮންސްޓްރަކްޝަން މިނިސްޓަރު ހައުސިންގ ޑރ. ޢަބްދުﷲ މުއްޠަލިބެވެ.