ބޮލީވުޑްގެ ކުރީގެ ތަރި ގޯވިންދާގެ ފިރިހެން ދަރިފުޅު ޔާޝްވަރްދަން އަހޫޖާ، މި އަހަރު ބޮލީވުޑަށް ނެރެން ހަދާ ފިލްމުގެ ކާސްޓްގައި ކުރީގެ އެކްޓަރު އިރުފާން ޚާންގެ ދަރިފުޅު ބާބިލް ޚާން ވެސް ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާތަކުން ބުނީ މި ރޮމޭންޓިކް ކޮމެޑީގެ ޑައިރެކްޓަރަކީ ނެޝަނަލް އެވޯޑް ހޯދާފައިވާ ތެލެގޫ ޑައިރެކްޓަރު ސައީ ރާޖޭޝް ކަމަށެވެ. މިދިޔަ މަހު މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ނަން އަދި ސާފު ނުވާ އަދި މަދޫ މަންޓޭނާ ޕްރޮޑިއުސްކުރާ މި ފިލްމަށް ބަތަލާއަކު ހޯދުމަށް 14،000 އަންހެން ކުއްޖަކު އޮޑިޝަން ހަދާފައިވެ އެވެ.
ނަމަވެސް މި ފިލްމާ ބެހޭ އެއްވެސް މައުލޫމާތެއް ރަސްމީކޮށް އަދި ހާމަނުކުރާތީ އިތުރު ތަފުސީލުތަކެއް ނުލިބެ އެވެ.
ޔާޝް، 27، ބޮލީވުޑަށް ނެރެން އަމާޒު ހިފާފައިވާ އިރު، އޭނަ އިންޑަސްޓްރީ އަށް ތައާރަފުވާން އުޅޭ ވާހަކަ ދެކެވޭތާ މިހާރު ހައެއް އަހަރު ވެދާނެ އެވެ. ފާހަގަކޮށްލަން ޖެހޭ ކަމަކީ ޔާޝްގެ ބައްޕަ ގޯވިންދާ އަކީ 90 ގެ ތެރޭގައި ބޮލީވުޑްގައި އެންމެ ކާމިޔާބު އެއް އެކްޓަރުކަމެވެ. އޭނަ އަކީ ކޮމެޑީ ރޯލުތަކާއި ނެށުމަށް ވެސް ވަރަށް މޮޅު އެކްޓަރެކެވެ.
އެހެންވެ ގިނަ ބަޔަކު ތިބީ ބައްޕަގެ ފިޔަވަޅު މަތިން ބޮލީވުޑް ދަތުރު ފަށައިގަނެ، ޔާޝްގެ ޖާދޫ ވެސް ސްކްރީނުން ދެކިލަން ކެތްމަދުވެފަ އެވެ.
ދެހާސް ވިހީގައި މަރުވި އިރުފާންގެ ދަރިފުޅު، ބާބިލް، 26، ގެ ފުރަތަމަ ފިލްމަކީ ނެޓްފްލިކްސް އިން 2022 ގައި ގެނެސްދިން "ޤަލާ" އެވެ. އެ ފިލްމުގެ ބަތަލާ އަކީ ޓްރިޕްތީ ދިމްރީ އެވެެެ. އަދި 2023 ގައި ބާބިލްގެ "ފްރައިޑޭ ނައިޓް ޕްލޭން" ވެސް ގެނެސްދިނީ ނެޓްފްލިކްސްއިންނެވެ.
މީގެ އިތުރުން އެ އަހަރު ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ނެޓްފްލިކްސް އަށް ގެނައި ވެބް ސީރީޒް "ދަ ރެއިލްވޭ މެން" ގައި ވެސް ބާބިލް ހިމެނެ އެވެ.
ބެލެވޭ ގޮތުން ބޮޑު ސްކްރީނަށް އަންނަ ބާބިލްގެ ފުރަތަމަ ފިލްމަކަށްވާނީ ޔާޝްއާ އެކީ ކުޅޭ ފިލްމެވެ.