ކޮރަޕްޝަންގެ ވަބާ ރާއްޖެއިން ނައްތާލެވޭނީ ތުހުމަތު ކުރެވޭ އެންމެންނަށް ހަމަހަމަކަމާ އެކު އަމަލުކުރެވިގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހިމެނޭހެން ހެދި އެއްބާރުލުން ދިނުމުގެ އެއްބަސްވުންތައް އުވާލައި، ތުހުމަތުކުރެވޭ މީހުންގެ ތަހުގީގު އަވަސްކުރަން ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފް، ފުލުހުންނަށް އެންގުމާ ގުޅިގެންނެވެ.
އެކަމަށް މަރުހަބާ ވިދާޅުވެ ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޒަމާނުއްސުރެން މިގައުމަށް ކުރިމަތިވެފައިވާ ކޮރަޕްޝަންގެ ވަބާ ނައްތާލެވޭނީ އެފަދަ މައްސަލަތަކުގައި ހިމެނޭ ކަމަށް ތުހުމަތުކުރެވޭ ހުރިހާ ފަރާތަކާމެދު ވެސް ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ހަމަހަމަކަމާއެކު އަމަލުކުރެވިގެން ކަމަށެވެ.
ޕްރޮސެކިއުޓާ ޖެނެރަލް(ޕީޖީ) އޮފީހުން ބުނީ، އެއްބާރުލުން ދިނުމުގެ އެއްބަސްވުން އުވާލަން ޕީޖީ އައްބާސް ޝަރީފް ނިންމާފައިވަނީ އަދީބާއި ރަށްތައް ދޫކޮށްގެން އެމްއެމްޕީއާރްސީއަށް ލިބެން ޖެހޭ ފައިސާތައް އެންމެ ގިނައިން ޖަމާކުރި އެސްއޯއެފްގައި އިސްކޮށް ހުރި މުހައްމަދު އައްލާމް ލަތީފްގެ އިތުރުން އޭނާއާ ގާތް މީހުން ކަމަށްވާ އަހުމަދު އިސްފާހު އަލީ އާއި މުހައްމަދު ހުސައިން (އޮއިއްޓޭ)ގެ ކަމަށެވެ.
ޒިޔަތާއެކު ދައުލަތުން ހަދާފައިވާ އެއްބަސްވުން 2022 ވަނަ އަހަރުގެ އޮގަސްޓު މަހު އުވާލާފައިވާ ކަން ވެސް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.
މި އެއްބަސްވުންތައް ނިމުމަކަށް ގެނައުމަށް ޕްރޮސިކިއުޓާ ޖެނެރަލް ނިންމަވާފައިވަނީ މި އެއްބަސްވުންތައް އެކުލަވާލާފައިވަނީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގެ ތަޙުޤީޤު ކުރިއަށްގެންދިއުމަށާއި، ދައުލަތަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތަށް އެއްބާރުލުން ހޯދުމުގެ ބޭނުމުގައި ކަމަށްވީ ނަމަވެސް، މި މީހުންގެ ފަރާތުން މައްސަލައިގެ ތަޙުޤީޤަށާއި، ދައުލަތަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމަށް އެކަށީގެންވާ އެއްބާރުލުން ލިބެމުން ނުދާކަމަށް ތަޙުޤީޤީ އިދާރާތުން މަޢުލޫމާތުދީފައިވާތީ ކަމަށް އެ ބަޔާނުގައިވެ އެވެ.
މި އެއްބަސްވުންތައް ނިމުމަކަށް ގެނައުމާއެކު، މި އެއްބަސްވުންތަކުގެ ސަބަބުން ކުރިއަށް ނުގެންދެވި ހުރި، މި މީހުންގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަތަކުގެ ތަޙުޤީޤު ކުރިއަށްގެންދަވައި، ވީ އެންމެ އަވަހަކަށް މި އޮފީހަށް ހުށަހެޅުމަށް، ދިވެހި ފުލުހުންގެ ޚިދުމަތަށާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނަށް އަންގާފައިވާ ކަމަށްވެސް ޕީޖީ އޮފީހުގެ ބަޔާނުގައިވެ އެވެ.